ގއ. ކަނޑުހުޅުދުއިން (ޢަލީ ޔާމީން، ވަން އޮންލައިން)

"އައި މިސް މައި ޑެޑީ" މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މި އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ފުރަތަމަ ރަށެއްގެ ގޮތުގައި މިއަދު މި ރަށަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދަމާލި ދިގު ސަފުގައި ހުރި ކުޑަކުޑަ ފިރިހެން ކުއްޖެއް ކަމުގައިވާ އާޔަލް ބިން އަލީ ސައީދު ރައީސްގެ އަތްޕުޅަށް ދިން ގަނޑުކޮޅެއްގައި އޮތް ވާހަކައެވެ.

އާޔަލް އެ ބުނަނީ، ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އޭނާ ބައްޕަ ސާޖަންޓު އަލީ ސައީދު މަތިން ހަނދާން ވާ ވާހަކައެވެ. އެ ގަނޑުކޮޅު ހުޅުވައިލެއްވުމަށްފަހު ބައްޕަ ކޮބައިތޯ އެއްސެވުމުން އާޔަލްގެ ކައިރީގައި ހުރި އެ ކުއްޖާގެ މަންމަ އައިޝަތު ހުޒާމާ ބުނީ އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ އެހެން ރަށެއްގައި ކަމަށެވެ. އެ ވަގުތު، ރައީސް އެ މަނިކުފާނުގެ ސެކްރެޓަރީން ލައްވައި، އެ ފުލުސް މީހާ ހުރި ސްޓޭޝަނަށް ގުޅުވައި، އޭނާގެ ޑިއުޓީ މި ރަށަށް ބަދަލު ކުރަން އެންގެވިއެވެ. އަދި އެ ފުލުސް މީހާ ރަށަށް ގެންނަން އެންގެވިއެވެ.

މި ރަށުގެ ރަސްމީ ހަރަކާތްތައް ނިންމަވައިލެއްވުމަށް ފަހު، ރައީސް ބަނދަރަށް ވަޑައިގަތް ވަގުތަކީ، އެ ފުލުސް މީހާ އައި ލޯންޗު ބަނދަރަށް ކައިރި ކުރި ވަގުތެވެ. އެއިރު، ރައީސަށް މަރުހަބާ ދެންނެވުމަށް ދަމާފައިވާ ރަތް ދޫލައިގެ މަތީގައި އާޔަލް އޭނާގެ ބައްޕަގެ އިންތިޒާރުގައި ހުއްޓެވެ. މާ ދުރު ނޫން ހިސާބެއްގައި ފަސްމަހުގެ އަންހެން ކުއްޖަކު އުރައިގެން ފިރިމީހާގެ އިންތިޒާރުގައި ހުޒާމާވެސް ހުއްޓެވެ.

ސާޖަންޓު އަލީ ސައީދު ލޯންޗުން ފޭބުމުން އޭނާގެ ދަރިފުޅު، އާޔަލް ދުވެފައި ގޮސް ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. ބަފައިވަންތަ ކުލުނުން ފުރިފައިވާ ސާޖަންޓު އަލީ ސައީދުގެ ލޮލުން ކަރުނަ ފާއްދައިލަން ގިނަ އިރެއް ނުނެގިއެވެ. ދަރިފުޅު އުރައިގެން އޭނާ ފުރަތަމަވެސް ދިޔައީ ރައީސްގެ އަރިހަށެވެ. ރައީސްގެ އަރިހަށް ދިއުމުން އާޔަލްގެ ކޯތާފަތުގައި ފިރުމައިލައްވަމުން ރައީސް އެއްސެވީ "މިހާރު ހެޕީ ތޯ" އެވެ. ރައީސްގެ އެ ސުވާލާއެކު، އާޔަލްގެ ލޮލުންނާއި އޭނާގެ ބައްޕަ ލޮލުން އަނެއްކާވެސް ކަރުނަ ފާއްދާލިއެވެ. އުފަލުންނެވެ.

އާއިލާއާ ދުރުގައި ދެ އަހަރު ހޭދަކުރުމަށް ފަހު، އާއިލާގެ ގާތަށް ބަދަލުވުމަކީ ސާޖަންޓު އަލީ ސައީދަށް ލިބުނު ބޮޑު އުފަލެވެ. ލޯބިވާ އަނބިމީހާ އާއި ދަރީން މި ރަށުގައި ތިބެފައި، މާ ދުރު އެހެން ރަށެއްގައި ގާއިމުވެ މަސައްކަތް ކުރަން ޖެހުމަކީ އޭނާ ވި ބޮޑު ގުރުބާނީއެކެވެ. ދެ އަހަރު ދުވަހުގެ އިންތިޒާރަކަށް ފަހު، އެ އިންތިޒާރަށް މިއަދު މީ ނިމުން އައި ދުވަހެވެ.

ރައީސްގެ އެ ނިންމެވުމަށް ތައުރީފު ހައްގެވެ. ކުޑަކުއްޖެއްގެ އެންމެ މެސެޖަކުން ހަގީގީ ކުލަ ޖައްސަވައި ދެއްވީ އެ ކުއްޖާ ދެކެމުން އައި އެންމެ ބޮޑު ހުވަފެނުގައެވެ.