ގދ. ހޯނޑެއްދޫން (ޢަލީ ޔާމީން ވަން އޮންލައިން)

މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅަށް މިއަދު ފެެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ، މި ރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވައިފައެވެ.

މި ރަށުގައި ގާއިކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު ސްކޯޕްގައި ނަރުދަމާގެ ފަސް ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމާއި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށް 2 ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.