އިންޑިއާއިން، ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޖީ. ބާލަސުބްރަމާނިއަމް ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ޖީ. ބަލަސުބްރަމާނިއަމް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
އިންޑިއާގެ އާ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ދަންނަވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޑރ. މުއިއްޒާއި ޖީ. ބަލަސުބްރަމާނިއަމް ވަނީ ބައްދަލުވުމެއް ބާއްވައިފައި ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ ދެގައުމުގެ މެދުގައި ތަރައްގީއަށް އެއްބާރުލުން ދިނުމަށާއި އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމާއި އަދި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ އާ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރްގެ ހެޔޮއެދުންތައް ރައީސަށް އަރިސްކުރައްވައިފައި ކަމަށެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމުގެ އަޒުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާއިން މީގެ ކުރިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުނޫ މަހާވަރުގެ ސަފީރު ކަމުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް މުނޫ ވަޑައިގަތީ ނޮވެމްބަރު 17، 2021 ގަ އެވެ.
ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޖީ. ބާލަސުބްރަމާނިއަމްއަކީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޖީ. ބާލަސުބްރަމާނިއަމް ރާއްޖޭގެ ސަފީރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު