ޗައިނާގައި ހަލުވިކަމާއެކު ''އެޗްއެމްޕީވީ'' ފެތުރެމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ހިއުމަން މެޓާނިއުމޯވައިރަސް ''އެޗްއެމްޕީވީ'' ގެ ކޭސްތައް އިތުރުވަމުންދާ މިންވަރު އަވަސްކަމަށް ރިޕޯޓުތަކުން ބުނާއިރު އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ އެ ވައިރަހަކީ ކުރީން ވެސް ދެނެގަނެވިފައިވާ ވައިރަހެއް ކަމަށް ބުނެފައެވެ.

ޗައިނާގައި ''އެޗްއެމްޕީވީ'' ފެތުރެން ފަށާފައިވާއިރު އެމެރިކާގައި ވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހު އެބަލި ފެތުރިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އެގައުމުން އެކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށްވެސް ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ ސިއްހީ މާހިރުން ވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން ކުޑަކުދީންގެ ފަރާތުން ނިއުމޯނިއާގެ އަސަރުގެ އިތުރުން ފުއްޕާމޭގެ އެހެނިހެން މައްސަލަތައް ވެސް ފާހަގަވެފައިވާކަމަށް ބުނެފައެވެ. މީގެ އިތުރުން އުމުރުން ދުވަސް ވީ މީހުންނާއި ކުޑަކުދީންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބަލި ޖެހުން އަވަސްކަން ފާހަގަވާ ކަމަށް ވެސް މާހިރުން ފާހަގަކޮށްފައިވެއެވެ.