ޓެއިލާ ސްވިފްޓް ނިންމާލީ ވަރަށް ކާމިޔާބު އަހަރެކެވެ! "މިޑްނައިޓްސް" އަށް އަހަރުގެ އެންމެ ރަނގަޅު އަލްބަމްގެ ގްރެމީ އިނާމު ހޯދުމާއި، އޭނާގެ 11 ވަނަ ސްޓޫޑިއޯ އަލްބަމް "ދަ ޓޯޗަރޑް ޕޯއެޓްސް ޑިޕާޓްމަންޓް" ނެރުމާއި، ރެކޯޑު މުގުރާލި ކޮންސެޓް ޓުއަރ ނިންމާލުމާއި އަދި ސްޕޮޓިފައިގައި އެންމެ ގިނައިން ސްޓްރީމްކުރެވުނު އާޓިސްޓަކަށް ވުމާ ހަމައަށް - މިހާ ގިނަ ކަންތައްތަކެއް ޓޭލަރ ފަދައިން އެހެން މީހަކު ކުރަމަކުން ނުދެއެވެ. މި އަހަރު، އޭނާގެ ސްޓާޑަމް އުފުލާލީ އެތައް އަހަރެއްގެ ތެރޭގައި މަދުން ފެންނަ ފަދަ ދަރަޖައަކަށެވެ.

ފެބްރުއަރީ މަހު ބޭއްވި ގްރެމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޓެއިލާ ވަރަށް ބޮޑު ސަޕްރައިޒެއް ދިނެވެ. އެންމެ ރަނގަޅު ޕޮޕް ވޯކަލް އަލްބަމްގެ އިނާމު ބަލައިގަތުމަށް ސްޓޭޖަށް އަރައި، އޭނާގެ އާ އަލްބަމް "ދަ ޓޯޗަރޑް ޕޯއެޓްސް ޑިޕާޓްމަންޓް" އޭޕްރިލް މަހު ނެރޭނެ ކަމަށް އިއުލާނުކުރިއެވެ.

މި ލަވަކިޔުންތެރިޔާ އަލްބަމްގެ ކަވަރު އިންސްޓަގްރާމްގައި ހިއްސާކުރީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ހަމަ އެ ރޭ، އޭނާ ތާރީހުގެ ތެރެއަށް ވަދެގެން ދިޔައެވެ. އެއީ އަހަރުގެ އެންމެ ރަނގަޅު އަލްބަމްގެ އިނާމު ހަތަރު ފަހަރު ހޯދި ފުރަތަމަ ޕަރފޯމަރަށް ވެގެންނެވެ. މީގެ ކުރިން އަހަރުގެ އެންމެ ރަނގަޅު އަލްބަމްގެ އިނާމު ލިބިފައިވަނީ 2010 ގައި "ފިއަރލެސް" އަށާއި، 2015 ގައި "1989" އަށާއި، އަދި 2021 ގައި "ފޯކްލޯރ" އަށެވެ.

"ދަ ޓޯޗަރޑް ޕޯއެޓްސް ޑިޕާޓްމަންޓް" ނެރުމާއެކު ވަގުތުން އެތައް ރެކޯޑެއް މުގުރާލިއެވެ. ނަމަވެސް، މި ލަވަކިޔުންތެރިޔާގެ އަތުގައި އޮތީ އަދިވެސް އެހެން ބޮޑު ސަޕްރައިޒެއެވެ. ކުރިން ޔަގީންކޮށްފައިވާ 16 މައި ޓްރެކާއި 4 ބޯނަސް ޓްރެކްގެ ބަދަލުގައި އޭނާ 31 އާ ލަވަ ނެރުނެވެ.

300 މިލިއަން ސްޓްރީމްއާއެކު، މި އަލްބަމް ނެރުނުތާ 12 ގަޑިއިރު ނުވަނީސް ސްޕޮޓިފައިގެ ތާރީހުގައި އެންމެ ގިނައިން ސްޓްރީމްކުރެވުނު އަލްބަމަށް ވެގެންދިޔައެވެ. ޕޯސްޓް މެލޯން ބައިވެރިވެފައިވާ "ފޯޓްނައިޓް" އިން އެންމެ ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ސްޓްރީމްކުރި ލަވައިގެ ސްޕޮޓިފައި ރެކޯޑު ލިބުނެވެ. ސްޕޮޓިފައިގެ ތާރީހުގައި ވެސް އެންމެ އަވަހަށް އެއް ހަފުތާގެ ތެރޭގައި އެއް ބިލިއަން ސްޓްރީމް ފަހަނައަޅައިދިޔަ އަލްބަމަށްވެސް ވެގެންދިޔައެވެ.

ޓެއިލަރަށް މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ "ދަ އީރާސް ޓުއަރ" އެވެ. 2023 ވަނަ އަހަރުގެ މާޗް 17 ވަނަ ދުވަހު އެރިޒޯނާގެ ގްލެންޑޭލްގައި ފެށުނު މި ޓުއަރ، މި ލަވަކިޔުންތެރިޔާ އަލުން ފެށީ 2024 ވަނަ އަހަރުގެ މެއި 9 ވަނަ ދުވަހު ފްރާންސްގެ ޕެރިސްގައެވެ. ޝޯގެ ސެޓްލިސްޓް އަލުން އިންތިޒާމުކުރެވި، "ދަ ޓޯޗަރޑް ޕޯއެޓްސް ޑިޕާޓްމަންޓް" ގެ ލަވަތައް އިތުރުކުރެވުނެވެ. މީގެ އިތުރުން، ސަޕްރައިޒް ލަވަތަކާއި، ޕިއާނޯ ވަރޝަންތަކުގެ އާ އިންތިޒާމުތަކާއި، އާ ހެދުންތައް ވެސް ހިމަނާފައިވެއެވެ. އޭގެ ފަހުން، އޭނާ ސްވީޑަން، ޕޯޗުގަލް، ސްޕެއިން، ފްރާންސް، ސްކޮޓްލަންޑް، ވޭލްސް އަދި އަޔަރލަންޑްގައި ޝޯތައް ބޭއްވިއެވެ.

ފޯބްސްގެ ރިޕޯޓެއްގައިވާ ގޮތުން، ރެކޯޑު މުގުރާލި މި އީރާސް ޓުއަރ އިން އެތައް ގައުމެއްގެ އިގުތިސޯދު ކުރިއެރުވުމަށް އެހީތެރިވެފައިވެއެވެ. ލަންޑަންގައި ބޭއްވި 8 ޝޯއިން އެ ސަރަހައްދުގެ އިގުތިސޯދަށް 300 މިލިއަން ޕައުންޑް ލިބުނު ކަމަށް ޓޫރިޒަމް އޭޖެންސީ ލަންޑަން އެންޑް ޕާޓްނަރސްއިން ލަފާކޮށްފައިވެއެވެ. ހަމަ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޓެއިލާ މެލްބަންގައި މަޑުކޮށްލުމުން، 1.2 ބިލިއަން އޮސްޓްރޭލިއަން ޑޮލަރު ލިބުނު ކަމަށް ލަފާކުރެވެއެވެ.

ދަ ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން، މި ލަވަކިޔުންތެރިޔާގެ ޕްރޮޑަކްޝަން ކުންފުނި، ޓެއިލާ ސްވިފްޓް ޓުއަރިންއިން އެ ނޫހަށް ކަށަވަރުކޮށްދީފައި ވަނީ މި ޓުއަރއިން ޖުމުލަ 2,077,618,725 ޑޮލަރުގެ ޓިކެޓް ވިއްކާފައިވާ ކަމަށެވެ. މިއީ "ތާރީޚުގައި އެހެން އެއްވެސް ކޮންސެޓް ޓުއަރއަކުން ވިއްކި ޓިކެޓްގެ އަގުގެ ދެ ގުނައެވެ".

ދަ އީރާސް ޓުއަރ ނިމުނީ ޑިސެންބަރު 8 ވަނަ ދުވަހުއެވެ. ޓޮރޮންޓޯގައި ބޭއްވި އެންމެ ފަހު ޝޯގައި އަދާކުރި ޕަރފޯމަންސްގެ ތެރޭގައި ފޭނުން ތެދުވެ ތައުރީފުކުރުމުން މި ލަވަކިޔުންތެރިޔާ ސްޓޭޖުގައި ހުރެ ޖަޒުބާތުވެގެން ދިޔައެވެ.

2023ގައި ޓޭލަރ އާއި އެން.އެފް.އެލްގެ ތަރި ޓްރެވިސް ކެލްސީ ޑޭޓްކުރަން ފެށިކަމުގެ ހަބަރު ފެތުރުނު އިރު، މުޅި އިންޓަނެޓް ހަލަބޮލިވެގެން ދިޔައެވެ. މި އަހަރުގެ ތެރޭގައި، މި ދެމީހުން އެތައް ފަހަރެއްގެ މަތިން އެކުގައި ފެނުނެވެ. އެގޮތުން ޓެއިލާ ޓްރެވިސްގެ ކުޅިވަރު މުބާރާތްތަކަށް ދިޔުމާއި، އިތުރު ފިޔަވަޅެއް އަޅައި ޖޫން 23 ވަނަ ދުވަހު ލަންޑަންގައި ބޭއްވި ލަވަކިޔުންތެރިޔާގެ އީރާސް ޓުއަރގެ ސެޓަށް އައިސް އެޝޯގައި ބައިވެރިވިއެވެ. ޓްރެވިސް ޓެއިލާއާ ގުޅުނީ އޭނާގެ "އައި ކޭން ޑޫ އިޓް ވިތް އަ ބްރޯކަން ހާޓް" ހެދުން ބަދަލުކުރުމުގެ ތެރޭގައެވެ. އަދި އެކްޓުގެ ބައެއްގެ ގޮތުން އޭނާ އުފުލައިގެން ދިޔައެވެ.

ޓްރެވިސް ފަހުން ޓެއިލާގެ 35 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ވަރަށް ބޮޑު ސަޕްރައިޒް ޕާޓީއެއް ބޭއްވިއެވެ. މި ޕާޓީގައި އޭނާގެ ފާހަގަކޮށްލެވޭ ކެރިއަރަށް އިޝާރާތްކޮށް އައިކޮނިކް ޕްރޮޕްސްތަކާއި ރިފަރެންސްތައް ހިމެނިފައިވިއެވެ.

ކުރުކޮށް ބުނާނަމަ، 2024 އަކީ ޓެއިލާ ސްވިފްޓްގެ އަހަރެކެވެ. ފޭނުންނަށް އާ ލަވަތަކާއި، ގިނަ އަދަދެއްގެ އާ ވަރޝަންތަކާއި، އީރާސް ޓުއާއިން ގިނަ ހަނދާންތަކެއް ލިބުނެވެ. 2025 ވަނަ އަހަރަށް މި ލަވަކިޔުންތެރިޔާ ތައްޔާރުކޮށްފައި އޮތީ ކޮން އެއްޗެއްކަން އެއްވެސް މީހަކަށް ޔަގީންކޮށެއް ނޭނގޭނެއެވެ. ނަމަވެސް، ކޮންމެ ގޮތެއް ވިޔަސް، ދެން އަންނަ އަހަރަކަށް އަހަރެމެން ތިބޭނީ ތައްޔާރަށެވެ!