ނިމިގެންދިޔަ 2024 ވަނަ އަހަރަށް ބަލާއިރު އެންމެ ނުރައްކާތެރި އެންމެބޮޑު ދެ ހަގުރާމައަކީ ޔުކްރޭނުގެ ހަގުރާމަޔާއި ގާޒާގެ ހަގުރާމައެވެ. މިއީ 2024 ވަނަ އަހަރު ފެށުނު ހަގުރާމަތަކެއް ނޫނެވެ. ޔުކްރޭނުގެ ހަގުރާމަ ފެށުނީ 2022 ގައެވެ. ގާޒާގައި މިހާރު ކުރިއަށްދާ ހަގުރާމަ ފެށުނީ 2023 ގައެވެ. އެހެންނަމަވެސް މި ދެ ހަގުރާމައިން އައު ކުރިތަކެއް ފަޅައި އިތުރު ބިރުވެރިކަމާއި ނާމާންކަން 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ ފެތުރިގެން ގޮސްފައެވެ. ޔުކްރޭނުގެ ހަގުރާމަ ދުނިޔޭގެ ތިންވަނަ ބޮޑު ހަގުރާމައަކަށް ބަދަލުވެ ނިއުކުލިއަރ ހަތިޔާރުވެސް ބޭނުންކޮށްފާނެ ކަމުގެ ބިރު މިއަހަރުގެ ތެރޭގައި ބޮޑުވިއިރު ގާޒާގެ ހަގުރާމައިގެ ކަނިތައް މެދުއިރުމަތީގެ އެހެން ތަންތަނަށްވެސް މިއަހަރުގެ ތެރޭގައި ވަނީ ބުރަން ފަށައިފައެވެ. އެހެންވީމާ ހަގުރާމަތަކުގެ ރިވިއުގައި ބަލައިލާނީ ކުރިން މިދެންނެވި މައިގަޑު ދެ ހަގުރާމައިގެ ބައްޓަމާއި ސިފަޔަށް 2024 ވަނަ އަހަރު އައި ބަދަލުތަކާއި އެކަމާ ގުޅިގެން ދެން ހިނގާފައިހުރި ކަންކަމެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި އިޒްރޭލް ސިފައިން ހިންގަމުންދާ އުދުވާނަކީ ސީދާ ގަތުލުއާއްމެއް ކަމަށާއި ހަގުރާމައިގެ އެންމެ ނުބައި ދަރަޖައިގެ އެންމެ ބޮޑެތި ޖަރީމާތައްވެސް އިޒްރޭލުން އެބަހިންގާ ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމީ 2024 ގައެވެ. ފަލަސްތީނުގެ ބިންތައް ހިފައިގެން އިޒްރޭލް އޮންނަ އޮތުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށްވެސް އައިސީޖޭއިން ވަނީ ނިންމައިފައެވެ. މި ނިންމުން ނިންމީ ޖުލައި 19 ގައެވެ. އޭގެފަހުން 21 ނޮވެމްބަރު 2024 ގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީވަޒީރާއި ސިފައިންގެ ޗީފް އޮފް ސްޓާފް ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. މިއީ ހައްތާވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަދި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ނެރުނު އަމުރުތަކާއި ރައުޔުތަކެވެ. އިޒްރޭލުގެ ގިރިޓީކަން ކެނޑި އަސްލު ސިފަ މުޅި ދުނިޔެއަށް ފެންނަން ފެށީ 2024 ގައެވެ.
ގާޒާގައި ހިގަމުންދާ ހަގުރާމައިގެ ކަނި ލުބުނާނަށް ފޯރައި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތާއި އިޒްރޭލާ ދެމެދުގައި ހަގުރާމައިގެ ހުޅުގަޑު ފަޅައިގެންދިޔައީ 2024 ގައެވެ. ވައިގެ މަގުން ހަމަލަދީ ލުބުނާނުގެ ބެއިރޫތާއި އެނޫންވެސް ސަހަރުތައް ސުންނާފަތިކޮށް އެއްގަމުން އިޒްރޭލުގެ ލަޝްކަރު ލުބުނާނަށް އަރައިގަތީ 1 އޮކްޓޫބަރުގައެވެ. ފްރާންސް މެދުވެރިވެގެން ހޯހޯއޭގޮވައި ހަމަލަތައް ހުއްޓުވާފައިވަނީ 27 ނޮވެމްބަރުގައެވެ. ލުބުނާނާއި ފަލަސްތީނުގެ މުޖާހިދުންނަށް އީރާނުން ކުރާ ތާއީދު ހުއްޓުވުމުގެ ގޮތުން އިޒްރޭލުން ވަނީ ސީރިޔާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އެޕްރީލް އެއްވަނަ ދުވަހު ހަމަލަދީ އީރާނުގެ އިންގިލާބީ ގާޑުންގެ ޖެނެރަލަކާއި އިތުރު އެތައް ބަޔަކު ޝަހީދުކޮށްފައެވެ. މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާން ވަނީ ހަމަ އެމަހު މިސައިލާއި ރޮކެޓާއި ޑްރޯނުން އިޒްރޭލަށް ހަމަލަދީފައެވެ. މި ހަމަލައިގެ ރައްދުގައި އިޒްރޭލުން ވަނީ އީރާނާއި ސީރިޔާއާއި ޔަމަނުގައި ހަމަލާތަކެއް ދީފައެވެ. މިކަން އަނެއްކާވެސް ޖުލައިމަހުގެ ތެރޭގައި ވަނީ ތަކުރާރު ވެގެން ގޮސްފައެވެ.
ގާޒާގެ ހަގުރާމައިގެ ތެރޭން ފަލަސްތީނުގެ ލީޑަރުންނާއި ފަލަސްތީނަށް ތާއީދުކުރާ ދުނިޔޭގެ އެހެނިހެން ތަންތަނުގެ މުޖާހިދުންގެ ލީޑަރުން ދުނިޔެއިން ވަކިކުރުމުގެ ހަރަކާތްތައް 2024 ވަނަ އަހަރު އިޒްރޭލުން ވަނީ އައު އުސްމިނަކަށް ގެންގޮސްފައެވެ. ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެން އުޅުއްވަނިކޮށް 31 ޖުލައިގައި އިޒްރޭލުން ދިން ހަމަލައެއްގައި ވަނީ ޝަހީދުކޮށްލައިފައެވެ. ހަނިއްޔާ ޝަހީދުކޮށްލިތާ ގާތްގަޑަކަށް ދެމަހާއިބައި ފަހުން ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ވެރިޔާ ޔަހުޔާ ސިންވާރު ވަނީ ގާޒާގައި އޮކްޓޫބަރު ސޯޅަވަނަ ދުވަހު ޝަހީދުކޮށްލައިފައެވެ. ބޮޑުބަޑިން ހަމަލަދީގެންނެވެ. ޔަހުޔާ ސިންވާރު ޝަހީދުކުރިތާ އެއްމަސް ފަހުން އިޒްރޭލުން ވަނީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުގެ ލީޑަރު ޝައިޚް ހަސަން ނަސްރު ﷲ ވެސް ޝަހީދުކޮށްލައިފައެވެ. ލުބުނާނުގައި އޭނާ ހުންނެވި ތަނަށް 27 ސެޕްޓެމްބަރުގައި ވައިގެ ވަރުގަދަ ހަމަލައެއް ދީގެންނެވެ.
ސީރިޔާގައި 2011 ވަނަ އަހަރުން ފެށިގެން ހިގަމުން އައި ދާޚިލީ ހަގުރާމައިގެ ބާބެެއް 2024 ވަނަ އަހަރު ވަނީ ނިމިފައެވެ. ރައީސް ބައްޝާރުލް އަސަދުގެ 24 އަހަރުގެ ވެރިކަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ނިމިފައެވެ. ބައްޝާރާއި އޭނާގެ އާއިލާ ވަނީ ގައުމު ދޫކޮށް ރަޝިޔާއަށް ހިޖުރަކޮށްފައެވެ. ސީރިޔާގެ ވެރިކަން އަތުލީ ހައިއަތު ތަހުރީރުއް ޝާމް ނަމަކަށް ކިޔުނު ޖަމާއަތަކުންނެވެ. އައު ވެރިޔަކީ އެ ޖަމާއަތުގެ ލީޑަރު އަހުމަދު ޝަރާއެވެ. އޭނާއަށް ވާގިވެރިވެ ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ބައިވެރިންގެ ތެރޭގައި ތުރުކީވިލާތާއި އެމެރިކާ ހިމެނެއެވެ. ބައްޝާރުގެ ވެރިކަން ނިމުމާއެކު އީރާނާއި ރަޝިޔާއިން ސީރިޔާގައި ކުޅެމުންއައި ދައުރު ނިމުނީއެވެ. އިޒްރޭލް ހިތަކަށް ސީރިޔާ ލިބުނީއެވެ. އިޒްރޭލުން ވަނީ ސީރިޔާގެ އިތުރު ބިންތަކެއް ޑިސެމްބަރު މަހުގެ ތެރޭގައި ފޭރިގެންފައެވެ. އޭގެތެރޭގައި ގޯލާނާއި ޖެހިގެން އުތުރަށް އޮންނަ ސަރަހައްދު ހިމެނެެެއެވެ.
އެމެރިކާއާއި ހުޅަނގު ޔޫރަޕުގެ މަދަދާއެކު 2024 ވަނަ އަހަރު ޔުކްރޭނުން ވަނީ ރަޝިޔާއާ ދެކޮޅަށް އައު ކަންކަން ކުރަން ފަށައިފައެވެ. އޭގެތެރޭގައި ރަޝިޔާގެ ކާރސްކް ސަރަހައްދަށް އޮގަސްޓް މަހުގެ ތެރޭގައި ވަދެގަތުން ހިމެނެއެވެ. މިޔާ ގުޅިގެން ރަޝިޔާއިން ވަނީ އުތުރު ކޮރެޔާ ސިފައިންގެ ބޮޑު ލަޝްކަރެއް ގެނެސް މި ހަގުރާމައިގައި މުޅިން އަލަށް ބައިވެރިކޮށްފައެވެ. އެމެރިކާގައި އުފައްދާ މިސައިލުން ޔުކްރޭން ވަނީ ފުރަތަމަ ފަހަރަށް ރަޝިޔާގެ އެތެރެއަށް ނޮވެމްބަރު މަހު ހަމަލަދީފައެވެ. މީގެ ރައްދުގައި ރަޝިޔާއިން ވަނީ ހައިޕަރސޮނިކް ސްޕީޑުގެ އައު މިސައިލެއް ހަގުރާމައިގެ މައިދާނަށް ތައާރަފުކޮށްފައެވެ. އަދި ހުޅަނގުގެ ގައުމަކުން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރެެއްގެ ބޭނުންކޮށް ރަޝިޔާގެ އެތެރެއަށް ހަމަލައެެއް ދީފިނަމަ އެބަޔަކާ ދެކޮޅަށް ނިއުކުލިއަރ ހަތިޔާރު ބޭނުންކުރެވޭ ގޮތަށް ރަޝިޔާގެ ނިއުކުލިއަރ ސިޔާސަތުވެސް ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ބަދަލުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ