ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ފެނަކައާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ފެނަކައިން ދޫކޮށްފައިވާ ކަމަށެވެ.

އަދި އެ އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ސައީދުގެ މައްޗަށް ކުރަނީ ގާނޫނުލްޢުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކުރިމިނަލް ކޯޓަށް އެ ދެ މީހުންގެ މައްސަލަ ފޮނުވައިފައިވަނީ މިއަދު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެމްޑީގެ މަގާމުގައި ސައީދު ހުންނެވި އިރު، ބައެއް ރަށްރަށުގައި އިންޖީނުގެ އެޅުމާއި އޮފީސް އިމާރާތްތައް އެޅުމުގެ ޕްރޮޖެކްޓުތައް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ވަނީ ހުށަހަޅައިފައެވެ. އެގޮތުން ފެނަކައިގެ ބައެއް އިސްވެރިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އޭގެ ތެރެއިން ބައެއް ތުހުމަތުތައް އޭސީސީ ދަނީ ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.