އުރީދޫ މޯލްޑިވްސްއިން މިމަހުގެ 20 ގައި ބޭއްވި އުރީދޫ ފަން ރަން 2024 ގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޓްރީ ޓޮޕުން މިއަދު ބުނީ މިއީ އެ ހޮސްޕިޓަލުން ފަން ރަނަށް އެހީތެރިކަން ފޯރުކޮށްދިން ތިންވަނަ ފަހަރު ކަމަށެވެ. ޓްރީ ޓޮޕުން ބުނީ މުޖުތަމައުގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ކުރިއަށްގެންދާ އެފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށެވެ.

  • ދުވުންތެރިންނަށް ސިއްހީ ލަފާ ހިއްސާކުރުން، ދުވުމަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުން
  • މެޑިކަލް ސްޓޭޝަންގެ އެހީތެރިކަން ފޯރުކޮށްދިނުން. އިވެންޓު ހިނގަމުންދިޔަ ވަގުތުގައި ބައިވެރިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން

އެ ހޮސްޕިޓަލުން ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބޭއްވުނު އެފަދަ ދުވުންތަކާއި ސިއްހަތާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

"ދިވެހިރާއްޖޭގައި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ހަރަކާތްތަކަށް ހިތްވަރުދީ، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭއްވޭ މިފަދަ އިވެންޓުތަކަށް އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ފޯރުކޮށްދޭނެ ވާހަކަ ފާހަގަކުރަން،" ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.