މިއަހަރު ޒަކާރު ފަންޑަށް 98.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިނިސްޓަރު މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށެވެ.
"މިއަދާ ހަމައަށް 2024 ވަނަ އަހަރު ޒަކާތު ފަންޑަށް 98.6 މިލިއަން ރުފިޔާ ލިބިފައިވޭ. އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަނަށް ފަންޑު އެރުވުން. އަދި ޝަރުއީ އަސާސްގެ އަލީގައި ޒަކާތުގެ ހައްގުވެރިންނަށް ފުޅާދާއިރާއެއްގައި އެހީތެރިވުން. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ހާއްސަ އިދާރާއެއްގެ އުފެެއްދުމުގެ ހެޔޮ ނަތީޖާ،" ޝަހީމް ވިދާޅުވިއެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަދަލުކޮށްފައެވެ.
ޒަކާތު ހައުސްއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 9240.35 ރުފިޔާ ކަމަށެވެ. އެއީ 113.17 ރުފިޔާ ދަށް އަދަދެކެވެ. ޒަކާތު ހައުސް އިން މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު ބޮޑުކުރި ކަމަށް އިއުލާނުކުރީ މިއަހަރުގެ މެއި މަހުގެ 22 ގައެވެ. އެއީ 7140 ރުފިޔާއިން 9353.40 ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު