ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، ހަށިގަނޑު މިއަދު މާލެ ގެނެސް ވަޅުލައިފިއެވެ.

އެ ރަށުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ މަރުވި، ހަތަރު މަހުގެ ފިރިހެން ކުއްޖާގެ މަރުގައި ޝައްްކު އުފެދޭ ކަންތައްތަކެއް ހުރުމުން، ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑު އެރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައެވެ. ނަމަވެސް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހުއެވެ.

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އެ ކުއްޖާގެ ކަށުނަމާދު ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. ނަމަވެސް އެ ކުއްޖާ މަރުވި ސަަބަބެއް އަދި ސާފެއް ނޫނެވެ. ފުލުހުންވެސް އެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.