އުސޫލުން ބޭރުން ވިނަރެސް ފްލެޓް ހޯދި ކަމަށް ތުހުމަތުވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސައްކަތުން މިއަދު އެކަހެރިކޮށްފިއެވެ.
ފުލުހުން ތަރުޖަމާން އަހްމަދު ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން މިހާރު އެހެން ބޭފުޅަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭ ގޮތުން މި ހިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެ ފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމުގައި ވެސް ދަންނަވަމެވެ،" ޝިފާން ވިދާޅުވިއެވެ.
ރަޖުނީގެ މައްސަލަ ފެންމަތިވީ، ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމުގައި ރަޖުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމަށް ފަހު ނުގަވާއިދުން ވިނަރެސް ފްލެޓުތަކެއް ދީފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން އިއްޔެ ލީކުކޮށްލި ނުގަވާއިދުން ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނެއެވެ.
މި މައްސަލައިގެ އިތުރުން ސީލައިފް ފްލެޓް މަޝްރޫއުގައި ފައިސާ ދައްކާފައިވާ މީހުންނަށް ފްލެޓް ދޭން ހެދި ސެޓުލްމަންޓް އެގްރީމެންޓްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ބޭރުން އެހެން ބަޔަކަށް އެޗްޑީސީން ފްލެޓް ވިއްކާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފެތުރިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު