އުސޫލުން ބޭރުން ވިނަރެސްއިން ފްލެޓު ގަތް ކަމަށް ބުނެ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތައް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޖުނީއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރަޖުނީގެ މައްސަލަ ފެންމަތިވީ، ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމުގައި ރަޖުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ބައްދަލުވުމަށް ފަހު ނުގަވާއިދުން ވިނަރެސް ފްލެޓުތަކެއް ދީފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން އިއްޔެ ލީކުކޮށްލި ނުގަވާއިދުން ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނެއެވެ.

މި މައްސަލައިގެ އިތުރުން ސީލައިފް ފްލެޓް މަޝްރޫއުގައި ފައިސާ ދައްކާފައިވާ މީހުންނަށް ފްލެޓް ދޭން ހެދި ސެޓުލްމަންޓް އެގްރީމެންޓްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ބޭރުން އެހެން ބަޔަކަށް އެޗްޑީސީން ފްލެޓް ވިއްކާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފެތުރިފައެވެ.