ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ މެދުވެރިކޮށް ސީޕީ ޝުޖާއު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އިންޑިއާގެ އެ ޓީމުން މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ އިންޑިއާގެ ކޮން އިދާރާއެއްގެ ބައެއް ކަމެއް އަދި އެ ޓީމު ރާއްޖެ އައިސްފައިވަނީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ހާއްސަ ޓީމެއް ރާއްޖެ އައި އިރު، އެފަދަ ބޮޑު ހާދިސާއެއްގެ ތަހުގީގެއް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައި އެކަމުގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ސީޕީ ވަނީ މި މަހުގެ 14 ވަނަ ދުވަހު ވިދާޅުވެފައެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރު ހިނގި އެ ހާދިސާގައި ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގައެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައިވެސް ރޯވިއެވެ. އަދި ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފައެވެ.