ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށްބުނާ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ބައިވެރިވުން އޮތް ކަމަށާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ބައިވެރިވުންވެސް އެކަމުގައި އޮތް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ވައްކަމުގައި މިނިސްޓްރީން ވަރަށް ބޮޑު އިސް ދައުރެއް އަދާކުރާ އިރު، މިނިސްޓަރު ހައިދަރު މަގާމުން އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ.

"ދެން މީގައި ހަމަ ހައުސިން މިނިސްޓްރީގެ ވަރަށް ބޮޑު އިސް ރޯލެއް މިކަމުގައި. ހައިދަރުގެ އިސްތިއުފާއަށް އަޅުގަނޑު ގޮވާލަން ވަގުތުން ވަގުތަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގޯތިތަކުގެ ޕްލޮޓް ނަންބަރުތައް އެޗްޑީސީއަށް އެނގޭނީ އެ ނަންބަރުތައް ހައުސިން މިނިސްޓްރީން ހިއްސާ ކުރުމުން ކަމަށެވެ.

އަކްރަމް ވިދާޅުވީ، ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތިތައް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކާއި ގައުމުގައި ހިނގާ ކަންކަމާ ގުޅިގެން ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފެށުމުން، ސަރުކާރުން ކަންކަން ބަދަލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ ގޯއްޗާއި ފްލެޓު ލިބިފައިވާ ފަރާތްތައް ތިބޭފުޅުންނަށް އެ ހައްގު އެއްޗެހި ލިބިވަޑައިގަންނަވާނީ ހަމަ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެންނޭ. އެހެންވީމަ އަޅުގަނޑު އިލްތިމާސްކުރަން އެބޭފުޅުން މިކަން ކުރިއަށް ގެންދަން. ދެން އަޅުގަނޑު ސަރުކާރަށް ގޮވާލަން އެންމެ ގިނަ ވެގެން މަސްދުވަހުގެ ތެރޭގައި ގޯއްޗާއި ފްލެޓު ލިބިފައިވާ ފަރާތްތަކަށް، ހައްގުވެރި ފަރާތްތަކަށް، ލިބިފައިވާ ފަރާތްތަކަށް އެ ހަވާލުކުރައްވަން. ހަވާލުނުކުރައްވާ ކަމަށްވަންޏާ ޕާޓީގެ ފަރާތުން ސީދާ ހަރަކާތަށް ނުކުންނާނަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ފާއުތިވެދިޔަ ދުވަސްތަކުގައި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ވެސް ސަރުކާރުން އޮޅުވާލައިގެން ވާހަކަތައް ދައްކަމުން ގޮސްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން ބަޔަކަށް ގޯތިތަކެއް ދިން ކަމަށްބުނާ މައްސަލައެއް ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ލިޔުންތަކަކާއެކުއެވެ. އެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލްގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް ފުލުހުން ވަނީ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. އޭގެ އިތުރުން އޭސީސީން ވެސް މިއަދު ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންނާއި އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފަށާފައި މިވަނީ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިއަދު ވަނީ އަމުރުކުރައްވާފައިވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ފަޒީލް ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި، ފަޒީލް މިއަދު އޮފީހަކަށް ނުނިކުންނަވައެވެ.

ފަޒީލް ސަސްޕެންޑް ކުރި އިރު، މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.