ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި މައްސަލައިގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލްގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.
"މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް،" ފުލުހުން ބުންޏެވެ.
"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެފައެވެ.
މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ފަޒީލް ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ފަޒީލް މިއަދު އޮފީހަކަށް ނުނިކުންނަވައެވެ.
ފަޒީލް ސަސްޕެންޑް ކުރި އިރު، މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު