އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ސިއްހީ ހާލުކޮޅު ގޯސްވެ ފަރުވާދޭން ފަށައިފިއެވެ.
ސުޕްރީމް ކޯޓު މިމަހުގެ އެއްވަނަ ދުވަހު ރިސެސްއަށް ދިޔުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ ޗުއްޓީއަށް ބ. ފުޅަދޫއަށް ވަޑައިގެންފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ސިއްހީހާލުކޮޅު ގޯސްވީ ފުޅަދޫގައި ހުންނަވަނިކޮށް މައިބަދައަށް އެރި ތަދަކާ ގުޅިގެންނެވެ. އެހެންވެ އުއްތަމަ ފަނޑިޔާރު ރޭގެ ވަގުތެއްގައި ވަނީ ހެލިކޮޕްޓަރުގައި މާލެއަށް ގެނެސް އިތުރުފަރުވާ ދޭން ފަށައިފައެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅިގެން ސުޕްރީމް ކޯޓުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
އެ މަނިކުފާނުގެ ސިއްހީހާލުކޮޅު ގޯސްވެ ފަރުވާ ދެމުން އަންނައިރު ސިއްހީހާލުކޮޅު ހުރިގޮތުގެ ސަބަބުން އުއްތަމަ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ރިޓަޔާވެވަޑައިގަންނަވަނަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގަ އެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީ ވެސް 2014 ވަނަ އަހަރުގައެވެ.
ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވައި ކުރެއްވީ 2019 ޑިސެމްބަރު 8 ގަ އެވެ.
އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު