މިމަހުގެ 12 ގައި ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރިއަށްގެންދިޔަ 176 ވަނަ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ ކައުންސިލުން ޑީޖޭއޭ އާއި ޑީއެންއާރުއާ އިއްޔެ ބައްދަލުކުރި ކަމަށެވެ.

"ކޯޓުތަކުގެ ނިންމުންތަކާއި ސޮފްޓްވެއާއި އެއްޗެހިވެސް ޑިޖިޓަލްކޮށް އެބަހުރި ހުރިހާ އެއްޗެއްވެސް. އެހެންވީމަ އަޅުގަނޑުމެންނަށް އެބޭފުޅުން އެކްސެސް ދޭން އެއްބަސްވި. ދެން އަޅުގަނޑުމެންގެ އައިޓީ ޓީމާއި އެމީހުންގެ އައިޓީ ޓީމާ އެއްކޮށް މަސައްކަތްކޮށްގެން ފިއުޗާގައި އެއްކޮށް މަސައްކަތްކުރާ ގޮތަކަށް މިދަނީ. އެހެންވެއްޖެއްޔާ އަޅުގަނޑުމެން ނުޖެހޭނެ ބައެއް ޑޮކިއުމަންޓުތައް ފިއުޗާގައި ސްކޭނުކޮށް ކަންތައް ކުރާކަށްވެސް،" މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ނެތި ގޮސްފައިވާ ލިޔެކިޔުންތައް އަލުން ރިކަވާކޮށް އެ ލިޔުންތައް ޑިޖިޓަލްކުރުމަށް ޑީޖޭއޭ އާއި ޑީއެންއާރުން އެއްބާރުލުން ދޭނެ ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށް ތިން މުއައްސަސާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"އެހެންވީމަ މި ފާހަގަކުރެވެނީ ދެ ފަރާތުން އެއްކޮށް މަސައްކަތްކޮށްފި ކަމަށްވަންޏާ މުޅި މާލެ ސިޓީ ރީޖަނަލް ކުރުމަށް މި ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް އަންނާނެ، މި ސެޓްއަޕް ހެދުނުހާ އަވަހަކަށް،" އާޒިމް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އަންނަ ހަފުތާގެ ދުވަހެއްގައި ސިޓީ ކައުންސިލުން މިހާރު ދެވެން ހުރި ހިދުމަތްތަކާއި އަދި ފަހުން ދޭނެ ހިދުމަތްތަކުގެ އިތުރު ތަފްސީލު ހިއްސާކުރައްވާނެ ކަމަށާއި އަންނަ ހަފުތާގައި ފަށާނީ ކޮންކޮން ހިދުމަތްތަކެއްތޯ އަދި އޭގެ ފަހުން ފަށާނެ ހިދުމަތްތަކުގެ މައުލާމާތުތައް ވެސް ހިއްސާކުރައްވާނެ ކަމަށެވެ.