މާލޭގައި ހުންނަ ކެފޭއަކަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހަވީރީމަގުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސްއަށް މި މަހުގެ 12 ވަނަ ދުވަހު ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދައްލަށް ވަނީ ގެއްލުން ދީފައެވެ. އެ މީހުން އެ ކެފޭއަށް ވަދެ، ހަމަނުޖެހުން ހިންގާ ވީޑިއޯއެއްވެސް އާއްމުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހަމަ އެ ދުވަހު، ފުލުހުންނަށް އެ މައްސަލަ ހުށަހެޅިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ގއ. ދެއްވަދޫ، ވައިލެޓްމާގޭ، އަހުމަދު ތައުފީގް 31އ އާއި ބ. ތުޅާދޫ، މީޒާން އަސަދުﷲ ހާތިމް 44އ އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.