ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނ. ހެނބަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ގިނަ ގެތަކަށް ފެންވަދެއްޖެއެވެ.
ހެނބަދޫ ކައުންސިލްގެ ރައީސް އަބޫބަކުރު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ހެނދުނު 6:00 އިން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށެވެ.
"ރަށުގެ 70 ޕަސަންޓް ގެތަކަށް ފެން ވަނީ ވަދެފައި. އެމްއެންޑީއެފް އާއި ފުލުހުންނާ ގުޅިގެން ގެތަކުންނާއި މަގުތަކުން ފެންހިންދުމުގެ މަސައްކަތް ކުރަމުން ދޭ އެބަ" އަބޫބަކުރު މުހައްމަދު ވިދާޅުވިއެވެ.
އަބޫބަކުރު މުހައްމަދު ވިދާޅުވީ ފެންބޮޑުވި ގެތަކުގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވެފައިވާކަން އަދި ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެނބަދޫގައި އާންމު ގޮތެއްގައި ފެންބޮޑު ވަނީ ހަތަރު ސަރަހައްދެއްގައި ކަމަށް ވިޔަސް މިއަދު މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށް އަބޫބަކުރު އަހުމަދު ވިދާޅުވިއެވެ. ރަށު ތެރޭގައި އެއް ފޫޓަށް ފެންބޮޑުވެފައިވާ އިރު، އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ތިން ފޫޓަށް ފެންބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ރަށު ތެރެއިން ފެންގަނޑު ހިންދޭނެ ވަކި ވަގުތެއް ނޭނގެ. މިހާރު ދަނީ ވެހެމުން. ކައުންސިލްގެ އަމިއްލަ ފެންހިންދާ ނިޒާމެއް ވެސް ހުރޭ،" އަބޫބަކުރު އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ހުންނަ ވޭސްޓްމެނޭޖުމެންޓް ސެންޓަރުގައި ވެސް ފެންބޮޑުވެފައިވާ ކަމަށެވެ. އެހެންވެ އެތަނުގައި ހުރި ތަކެތި ވެސް ބޭނުން ނުކުރެވޭ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު ހެނބަދުއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެ ރަށު 75 ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހެނބަދޫގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެންވަންނާތީ، ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ދެމޫސުން ބެދޭ ވިއްސާރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު