ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ހައިކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މުހައްމަދު އަނީސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެ މައްސަލަ ހުށަހެޅީ 18 ނޮވެމްބަރު 2024 ގަ އެވެ.

މުހައްމަދު އަނީސްގެ ފަރާތުން ހުށަހެޅި އެ ދުސްތޫރީ މައްސަލައިގައި ބަޔާންކޮށްފައިވަނީ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ އިރު، އަދި މެންބަރަކު މެންބަރުކަމުން އިސްތިއުފާ ދިނުމުގައި އަމަލުކުރާނެ އުސޫލު ގާނޫނުއަސާސީގެ 77 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ އިރު، އެންޓި-ޑިފެކްޝަން ގާނޫނުގައި މަޖިލީހުގެ މެންބަރުކަމުން ވަކިވުން ލާޒިމު ހާލަތްތައް ކަނޑައަޅައިފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށްވާތީ، އެންޓި ޑިފެކްޝަން ގާނޫނުގެ ތިންވަނަ މާއްދާއަކީ ބާތިލު މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ.

އެ ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލަ ބެލުމަށް ހައިކޯޓަށް ލިބިފައިވާ އިހުތިސޯސްއަކީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީއާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި، ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ވަނީ މުހައްމަދު އަނީސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ބަލާއިރު އެންޓި ޑިފެކްޝަންސް ގާނޫނުގެ ތިންވަނަ މާއްދާ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)އާއި 77 ވަނަ މާއްދާއާ ތައާރަޒުވާ ކަމަށް ބެލެވެން ނެތް ކަމަށެވެ.