ދެކުނު ކޮރެޔާއަކީ ދުނިޔޭގެ ތޭރަވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. ދުނިޔޭގައި ފަސްވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ ގައުމަކީ ދެކުނު ކޮރެޔާއެވެ. އަދި ދިހަވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރާ ގައުމަކީވެސް ދެކުނު ކޮރެޔާއެވެ. މިސަބަބުތަކާހެދި ދެކުނު ކޮރެޔާއަކީ ދުނިޔޭގެ ކަންކަމުގެ ތިލަފަތުގައި ބަރުދަންހުރި ގައުމެކެވެ. ދެކުނު ކޮރެޔާގެ އެތެރޭގައި ހިނގާ ކަންކަމަކީ ދުނިޔެއަށްވެސް އެނގުންވާ ކަންކަމެވެ. މިވަގުތު ދެކުނު ކޮރެޔާ އޮތީ ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. އެހެންކަމާއެކު އެގައުމުގެ ކަންކަން ނިއުޅެމުން ފުރޮޅެމުންދާގޮތް ދެނެގަތުމުގެ ޝައުގުވެރިކަން ދުނިޔޭގެ ކަންކޮޅުތަކުގައި ނުހަނު ބޮޑެވެ. ދެކުނު ކޮރެޔާގެ ޕާލަމަންޓުން ވަނީ މިހަފުތާގެ ހޮނިހިރު ދުވަހު އެގައުމުގެ ރައީސް ޔޫން ސުކް ޔެއޯލް މަގާމުން ދުރުކުރުމަށް ފާސްކޮށްފައެވެ. އޭނާ މަގާމުން ވަކިކުރުމަށް 204 މެންބަރުން ވޯޓުދެއްވިއިރު މަގާމުން ދުރުކުރަން ނުފެންނަކަމަށް ވޯޓުދެއްވީ 85 މެންބަރުންނެވެ.
ރައީސް ޔޫން ސުކް ޔެއޯލް މަގާމުން ވަކިކުރުމަށް ހުށައެޅުނު މިއީ ދެވަނަ ފަހަރެވެ. ހުސްވި ހަފުތާގެ ތެރޭގައި އެ ހުށައެޅުން ކާމިޔާބުނުވީ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މެންބަރުން ޕާލަމަންޓް ބޮއިކޮޓް ކުރެެއްވުމުންނެވެ. އެކަމަކު މިހަފުތާގައި އެބޭފުޅުން އެކަމެއް ނުކުރައްވައެވެ. ރައީސް މަގާމުން ވަކިކުރަން ފާސްކުރީ އޭނާ ނިސްބަތްވާ ޕާޓީގެ ގިނައަދަދެއްގެ މެންބަރުންގެވެސް ތާއީދާއެކުގައެވެ. މި ނިންމުމާއެކު ޕާލަމެންޓުގެ ގަރާރުވަނީ ރައީސްގެ އޮފީހަށާއި ކޮންސްޓިޓިއުޝަނަލް ކޯޓަށް ވަގުތުން ފޮނުވައިފައެވެ. އަދި ރައީސްގެ ޒިންމާތަކުން އޭނާ ވަނީ އެކަހެރިކޮށްފައެވެ. މިހިސާބުން އަދި މިކަން ނިމުނީއެއް ނޫނެވެ. ރައީސް މަގާމުން ދުރުކުރުމާމެދު އެންމެފަހު ނިންމުން ނިންމާނީ ކޮންސްޓިޓިއުޝަނަލް ކޯޓުންނެވެ. އެނިންމުން ނިންމަންދެން ވެރިކަމުން އޭނާ ހުންނަވާނީ ސަސްޕެންޑް ވެފައެވެ. ކޯޓުން ވަކިގޮތެއް ނިންމުމާ ހަމައަށް ރައީސްގެ ޒިންމާތައް ވަގުތީ ރައީސްގެ ގޮތުގައި އުފުއްލަވާނީ ބޮޑުވަޒީރު ހޭން ޑަކް ސޫއެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓުން މިމައްސަލައިގެ އަޑުއެހުންތައް މިހަފުތާގެ ހޯމަދުވަހު ފަށާނެއެވެ. ގާނޫނުއަސާސީ ބުނާގޮތުން މިޒާތުގެ މައްސަލަތައް ބަލައި ނިންމަންޖެހޭނީ ހަމަސް ދުވަހުގެ ތެރޭގައެވެ. އެއަށްވުރެ ދިގުވެގެން ނުވާނެއެވެ. މީގެކުރީގައި މި ކޯޓުން ނިންމާފައިވާ މިފަދަ ނިންމުންތަކަށް ރިއާޔަތްކުރާއިރު މައްސަލަ ނިންމައި ހުކުމަކާ ހަމައަށް ދެވިފައިވަނީ ތިންމަސް ދުވަހުގެ ތެރޭގައެވެ. މިފަހަރުވެސް ބެލެވެނީ އެމުއްދަތު ހޭދަވެދާނޭ ކަމުގައެވެ. މިއީ ފަހުގެ ތާރީޚުގައި ރައީސަކު މަގާމުން ވަކިކުރުމުގެ މައްސަލަ ދެކުނު ކޮރެޔާގެ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށައެޅުނު ތިންވަނަ ފަހަރެވެ. އެންމެފަހުން 2017 ގައެވެ. އެފަހަރު ކޯޓުން ނިންމީ ރައީސް ޕާކް ގުއެން ހިޔޭ މަގާމުން ވަކިކުރުމަށެވެ. އޭގެކުރިން 2004 ގައެވެ. އެފަހަރު ރައީސް ރޯ މޫ ހިއުން މަގާމުން ވަކިކުރަން ނުފެންނަކަމަށް ނިންމައި އޭނާ އަލުން މަގާމަށް ރުޖޫއަކުރިއެވެ. މިކަންކަން މިހެން ހުރީމާ މިފަހަރު ނިންމާނީ މިވެނި ގޮތަކަށްކަން ލަފާކުރަން ދައްޗެވެ. ވަކިކުރަންވެސް ނިންމައިފާނެއެވެ. މަގާމަށް އަލުން ރުޖޫއަކުރަންވެސް ނިންމައިފާނެއެވެ.
ދެކުނު ކޮރެޔާގެ ގާނޫނުއަސާސީ ބުނާގޮތުން ރައީސަކު މަގާމުން ވަކިކުރެވޭނީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ޖުމްލަ ނުވަ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމައިފިނަމައެވެ. މިވަގުތު ކޯޓުގައި ތިއްބެވީވެސް ޖުމްލަ ހަ ފަނޑިޔާރުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ބާކީ ތިންޖާގަ މިވަގުތު އޮތީ ހުސްކޮށެވެ. އޭގެމާނަޔަކީ ރައީސް ޔޫން މަގާމުން ވަކިކުރެވޭނީ މި ހަ ބޭފުޅުންވެސް އެކަމަށް ތާއީދު ކުރައްވައިގެންނެވެ. މިއީ ޕާލަމެންޓުގައި ތިއްބެވި ޔޫންއާ ދެކޮޅު ބޭފުޅުންނަށް ވަރަށް ބޮޑު މައްސަލައެކެވެ. ޕާލަމެންޓުގެ މެޖޯރިޓީ މިވަގުތު އޮތީ އެބޭފުޅުންނަށެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގެ ބެންޗަށް ފަނޑިޔާރުން އައްޔަންކުރުމުގެ ބާރުއޮންނަނީ ޕާލަމެންޓަށް ކަމަށްވާތީ އެބޭފުޅުން ވިދާޅުވަނީ މިވަގުތު ހުސްކޮށްއޮތް ތިން ޖާގައަށް ވަރަށް އަވަހަށް ތިން ފަނޑިޔާރުން އައްޔަން ކުރާނޭ ކަމުގައެވެ. ޖާގަތައް އަވަހަށް ފުރާލެވިއްޖެނަމަ ރައީސް މަގާމުން ވަކިކުރަން ނުފެންނަކަމަށް ދެތިން ފަނޑިޔާރަކު ނިންމެވިޔަސް އޭނާ މަގާމުން ވަކިވާނެއެވެ.
މައްސަލައިގެ ފެށުން ވަރަށް ސާފެވެ. ފެށުމަކީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު މުޑިއެރުމެވެ. ޕާލަމެންޓުގެ ކޮންޓްރޯލް ރައީސް ޔޫންއާ އިދިކޮޅު ފަރާތްތަކަށް ލިބުމެވެ. މިހެން މިކަންއޮތުމުން ރައީސް ޔޫންއަށް ޕާލަމެންޓުގެ ތެރެއިން ކަމެއް ނުނިންމެވެއެވެ. އޭނާ ސިފަކުރެއްވީ ޕާލަމަންޓުގައި ތިއްބެވީ ދައުލަތާ ދެކޮޅު ކޮމިއުނިސްޓުން ކަމުގައެވެ. ދެން އުޅުއްވީ ޕާލަމެންޓާ ނުލައި ވެރިކަން ކުރެއްވުމަށް ކުއްލި އަމުރުގެ ގާނޫނު ހިންގެވުމަށެވެ. އެގޮތުން ޑިސެމްބަރު ތިނެއްގައި އޭނާ ވަނީ ކުއްލި އަމުރުގެ ގާނޫނު އިއުލާންވެސް ކުރައްވައިފައެވެ. އެކަމަކު ޕާލަމަންޓު އެއްތަންވެ ރައީސްގެ ނިންމެވުން ވަނީ ބާތިލްކޮށްފައެވެ. އެއަށްފަހު ޕާލަމެންޓުން ނިންމީ ރައީސްގެ މި އަމަލަކީ ދައުލަތާ ދެކޮޅަށް ގަޑުބަޑުކުރުމާއި ބަޣާވާތެއް ކުރައްވަން އުޅުއްވުމެއް ކަމުގައެވެ. އޭނާ މަގާމުން ވަކިކުރުމަށް ޕާލަމެންޓުން ފާސްކުރީ ބަޣާވާތް ކުރައްވަން އުޅުއްވުމުގެ ކުށުގައެވެ. ކޯޓުގައި ދެންއޮތީ ގާނޫނީގޮތުން ކުށް ސާބިތުކުރުމުގެ މަރުހަލާއެވެ.
ޖަވާބަކީ އާނއެކޭއެވެ. ދައުލަތުގެ ތިންބާރުގެ ތެރެއިން ބާރަކުން އަނެއް ބާރެއްގެ މައްޗަށް ގަދަވެގަތުމަށް ޣައިރުގާނޫނީ ގޮތެއްގައި ހިންގާ އަމަލަކީ ބަޣާވާތް ކުރުމަކަށް މާނަ ކުރެވިދާނެއެވެ. ރައީސް ޔޫން އުޅުއްވީ ޕާލަމެންޓުގެ ބާރު ނިގުޅައިގަތުމަށެވެ. މައްސަލައިގެ ސީރިއަސްކަމުންވެސް ތޯއްޗެކެވެ. ގައުމުން ބޭރަށް ވަޑައިގަތުންވެސް ވަނީ މަނާ ކުރެވިފައެވެ. ރައީސް ޔޫން ހިމެނިވަޑައިގަތީ މަގާމުގައި ހުންނަވަނިކޮށް ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރެވުނު ފުރަތަމަ ރައީސް ކަމުގައެވެ. ދެންއޮތް ސުވާލަކީ ކުއްލި އަމުރުގެ ގާނޫނު ހިންގެވުމަކީ ނުވަތަ ހިންގަވަން އުޅުއްވުމަކީ ބަޣާވާތަކަށް ވެދާނެތޯއެވެ. އެބާރަކީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރެކެވެ. ކުއްލި އަމުރުގެ ގާނޫނު ހިންގެވުމާއި ނުހިންގެވުމަކީ ރައީސްގެ ގާނޫނީ އިޚުތިޔާރުގެ ތެރޭގައިވާ ކަމެކެވެ. ކޮންމެއަކަސް ކޮންސްޓިޓިއުޝަނަލް ކޯޓުގައި ރައީސް ޔޫންއާއި އޭނާގެ ވަކީލުން ސާބިތުކޮށްދެވޭތޯ އުޅުއްވާނީ ރައީސްގެ ގާނޫނީ ޒިންމާއެއް އޭނާ އަދާކުރެއްވީ ކަމެވެ. ޕާލަމެންޓުގެ ފަރާތުން ސާބިތުކޮށްދޭން އުޅޭނީ އެޒިންމާ ބަޣާވާތަކަށްވީ ގޮތެވެ. ހެއްކާއި ގަރީނާޔާއެކުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ