އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ޖޫރިމަނާ ފައިސާ ބަހައިލައިގެން ދެއްކޭ ގޮތަށް ގަވާއިދު ހެދުމަށްފަހު ގެޒެޓުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ "އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދު" އާންމުކޮށްފައެވެ.
"އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދު" ގެ މަގުސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުންނާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީފީއާއި އަހަރީފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއި، އަދި އެނޫންވެސް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެކީ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުމެވެ.
- ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވުން
- އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށްވުން
- މީގެ ކުރިން ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން
- މި ގަވާއިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހެޅުން
- އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައި ވުން
ގަވާއިދުގައިވާ ގޮތުން ބަހައިލައިގެން ފައިސާ ދެއްކުމަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ. ހުށަހަޅާ ހުށަހެޅުމެއްގައި ޝަރުތު ފުރިހަމަނުވާނަމަ، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، ބަހައިލައިގެން ފައިސާ ދެއްކުމަށް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ހަތް ދުވަހުގެ ތެރޭގައި ޝަރުތު ހަމަނުވާކަން ވަކި ފަރާތަކަށް އަންގައިފައި ނުވިނަމަވެސް، ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތަކަށް ދެވޭނީ ޝަރުތުތައް ފުރިހަމަވާނަމަ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، ފޯމު ލިބޭތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި، ހިސާބުކުރެވޭ ކޮމިޓްމަންޓް ފީ މިނިސްޓްރީން ކަނޑައެޅުމަށްފަހު، އެ ފައިސާ މިނިސްޓްރީއަށް ދެއްކުމަށް ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން އެދި ހުށަހަޅާ ފަރާތަކަށް އަންގަންޖެހޭނެއެވެ.
ކޮމިޓްމަންޓް ފީ 14 ދުވަސް ތެރެއިގައި ދައްކަންޖެހޭނެ ކަމަށާއި އެ މުއްދަތުގައި ކޮމިޓްމެންޓް ފީ ނުދައްކައިިނަމަ މި މުއްދަތުގެ އިތުރު އެންގުމަކާ ނުލައި، ހުށަހަޅާ ފަރާތުގެ ފޯމު ބާތިލު ކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމިޓްމަންޓް ފީ ދައްކައިފިނަމަ، ބަހައިލައިގެން ފައިސާ ދެއްކުމަށްޓަކައި އެކަމަށް ހުށަހަޅާ ފަރާތާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ދެމެދު އެއްބަސްވުމެއް އެކުލަވައިލަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެއްބަސްވުމާ އެއްގޮތަށް މަގުބޫލު އުޒުރެއް ނެތި ފައިސާ ނުދައްކާތާ 30 ދުވަސް ފާއިތުވެފައިވާނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު