ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގުމުން ފުރަތަމަ މަސައްކަތްކުރީ ކައިރި ސަރަހައްދުތަކުގެ ގޭގޭގައި ދިރިއުޅެމުންދިޔަ މީހުން ސަލާމަތްކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުނުއިރު ހުޅުގަނޑު ހުރީ ބޮޑަށް ހިފާފައި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޯވެފައި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގެ އެންމެ ހުޅަނގަށް ހުންނަ، ޓިނު އިމާރާތުގެ އެއްވަނަ ބުރީގައެވެ. އަލިފާން ރޯވިއިރު، އިމާރާތުގެ އެތެރޭގައި މީހަކު ނެތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފް ފަޔާ ރެސްކިޔު ޓީމުން މިހާރު އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ އިރު، ހައުސިން މިނިސްޓްރީ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޯވިތާ ހަތަރުގަޑިއިރު ފަހުންނެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ގައްސާން ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ހެނދުނު 6:30 ހާއިރުން ފެށިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ކަމަކަށް ކުރި މަސައްކަތަކީ މި ހިސާބުގަނޑުގެ ގޭގޭގެ އާންމު ރައްޔިތުން ސަލާމަތުގެ އައްސޭރިތަކަށް، ސަލާމަތް ހިސާބުތަކަށް އަވަހަށް އިވެކުއޭޓްކުރުން. ސަބަބަކީ ވައި ހުރި ގޮތުން އަލިފާން އިތުރަށް ސްޕްރެޑްވެގެން ހިނގައިދާނެތީ، އެއްވެސް ފުރާނައަކަށް ގެއްލުންވުމަކީ އަޅުގަނޑުމެން އެދޭ ގޮތް ނޫން ކަމުން. އެ މަސައްކަތް އަޅުގަނޑުމެންނަށް ކޮމްޕްލީޓުކުރެވުނު އިރު، ހުޅުގަނޑު ހުރީ ފުދޭވަރަކަށް ބޮޑަށް ހިފާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ އެމްއެންޑީއެފްގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ބޭނުންކޮށްގެން މަސައްކަތްކޮށްފައިވާނެ ކަމަށާއި އެ އިކުއިޕްމަންޓުތަކުން އެކަނި އަލިފާންގަނޑު ކޮންޓްރޯލު ނުވާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ބައެއް ވެހިކަލް ގެނެސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އިތުރުން މާލެ ސިޓީ ކައުންސިލު އިދާރާ އާއި ކައިރީގައި ހުރި އެހެން އޮފީސްތަކުގެ ލިޔެކިޔުންތައް ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވި ނަމަވެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ލިޔުންތަކަށް ވާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު