ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސްގެން ޕީއެސްއެމްގެ ޗެނަލްތަކުން ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މައުރޫފް ވިދާޅުވީ، މި މައްސަލަ ހުށަހެޅުއްވުމުގެ ބޭނުމަކީ ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް، ދައުލަތުގެ މީޑިއާއިން ދައްކަމުންދާތީ އާއި ތަކުރާރުކޮށް ގާނޫނާހިލާފު ވަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސަސީ އާއި ގާނޫނުގައިވާގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ސިޔާސަތުގެ ގޮތުގައި ދީނީ، އިޖުތިމާއީ، ސިޔާސީ، އަދި މިނޫންވެސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ ކަންކަމާއި ގައުމީކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ގާނޫނުގައި ޕީއެސްއެމްގެ މައްޗަށް ލާޒިމު ކޮށްފައިވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވީހިނދު ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްގެ ޗެނަލްތަކުން ދައްކަމުންދާކަން ފާހަގަ ކުރެވިފައިވާތީ އެކަމަކީ މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ފުރިހަަމަ ފޮތް، އަދި މާތް ރަސްކަލާނގެ ކަލާމްފުޅަށް އިހާނެތިކޮށް ހިތައި ގަސްތުގައި އެއަށް ބަދަލުގެނެސް، އާޔަތްތަކުގެ މާނަ އޮޅުވައިލުމަށް ކުރަމުންދާ ނުރައްކާތެރިކަމެއް،"

އޭގެ އިތުރުން ވަކިވަކި ފަރުދުންނަށާއި އެކިއެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމުކުރުމަކީ ގާނޫނުގެ ދަށުން ޕީއެސްއެމްއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާއެކު ފުރުސަތު ދިނުމަށް ލާޒިމު ވާހިނދު، އެތަނުގެ ޗެނަލްތަކުން ފުރުސަތު ދެމުން ގެންދަނީ ހަމައެކަނި ސަރުކާރުގެ ވެރިންނާއި ސަރުކާރުގެ މުވައްޒިފުންނަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަަކަށް އެކަނި،"

މި ކުއްލި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފައެވެ.