އިންޑޮނޭޝިއާއަށް އެތެރެކުރަން އުޅުނު 58 ކަހަނބު އަތުލައިގަނެ، އިންޑިއާ މީހަކު ޖަލަށް ލައިފިއެވެ.

ސިންގަޕޫރުގެ އޮފިޝަލުން ވަނީ އިންޑިއާގެ އަބްދުލް ޖައްފާރް ހާޖީ އަލީ ނަމަކަށްކިޔާ އެމީހާ 16 މަސްދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ބުނެފައެވެ.

އެމީހާ ވަނީ އިންޑޮނޭޝިއާގެ ޖަކާޓާއަށް އެ ކަހަނބުތައް ގެންދަން މަސައްކަތް ކޮށްފައިކަމަށާއި އެމީހާ އަތުލައިގަނެވިފައިވަނީ ސިންގަޕޫރުގައި ޓްރާންސިޓް ވުމުން ޝައްކުވެގެން ބެލިބެލުމުން ކަމަށް އޮފިޝަލުން ބުނެއެވެ. އެމީހާ ވަނީ ބައިނަލްއަގުވާމީ މިންގަނޑުން ބަލައި، ނެތިދާ ޖަނަވާރުތަކުގެ ލިސްޓުގައި ހިމެނޭ ބާވަތެއްގެ ކަހަނބު އިންޑޮނޭޝިއާއަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ސިންގަޕޫރު ކޯޓުން އެމީހާއަށް ކުރި ޖަލު ހުކުމުގައި ވަނީ އޭނާ އެ ބާވަތުގެ ޖަނަވާރު ވައިގެ މަގުން ގެންދިއުމުގެ އެއްވެސް ހުއްދައެއް ނަގާފައި ނުވާކަމަށް ބުނެފައެވެ.

އިންޑިއާގެ އަބްދުލް ޖައްފާރް ވަނީ އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާއަކަށް އިންކާރު ކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ވަނީ އެއީ އޭނާގެ ރައްޓެއްސަކު ދިން ލަގެޖެއް ކަމަށްބުނެފައެވެ.