ދ. ބަނޑިދޫ ކައުންސިލުގެ ރައީސް މުހައްމަދު މޫސާއަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
މުހައްމަދު މޫސާގެ މައްޗަށް ތުހުމަތުކޮށް ބަނޑިދޫގެ އާންމު ރައްޔިތަކު، 7 ޑިސެމްބަރު 2024 ގައި މައްސަލައެއް ހުށަހެޅިކަން ކަށަވަރުކޮށްދީ އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މުހައްމަދު މޫސާގެ މައްޗަށް ތުހުމަތު ކުރަނީ އެ ރަށު ކައުންސިލުން ވަގުތީ ގޮތުން ތިން އަހަރު ދުވަހުގެ މުއްދަތަށް 50،000 އަކަފޫޓުގެ ބިމެއް ވަގުތީގޮތުން ދޫކުރުމުގައި، މުހައްމަދު މޫސާ މަގާމުގެ ނުފޫޒު ބޭނުންކޮށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގެ ތަފުސީލުތައް ހާމަކުރަމުން ބަނޑިދޫ ކައުންސިލުން ބުނީ، 50،000 އަކަފޫޓުގެ ބިމެއް ހޯދުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް 31 އޮކްޓޯބަރު 2024 ގައި ކައުންސިލް ޖަލްސާއެއް ބޭއްވި ކަމަށެވެ. އެ ޖަލްސާގައި ކައުންސިލުން ނިންމާފައިވަނީ، ގާނޫނުން ހުރަހެއް އޮތްތޯ ބެލުމަށްފަހު، އެކަމަށް ހުރަހެއް ނެތްނަމަ، ސީއެސްއާރު ކޮމްޕޯނެންޓްގެ ގޮތުގައި ހިމަނާފައިވާ ކަންތައްތައް ބެލުމަށްފަހު، ކައުންސިލުން އެކަމާ މަޝްވަރާކޮށް އެފަރާތަށް 50،000 އަކަފޫޓުގެ ބިމެއް ވަގުތީ ގޮތުން ދިނުމަށް ކަމަށް ބުންޏެވެ.
ބަނޑިދޫ ކައުންސިލުން ބުނީ އެ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން މައްސަލައިގައި ބަޔާންކޮށްފައިވަނީ ކައުންސިލް ޖަލްސާގެ ނިންމުމުގައި އެ ބިން އެއްވެސް ފަރާތަކަށް ދިނުމަށް ނިންމި ވާހަކައެއް ނެތް ކަމަށާއި ނަމަވެސް ގާނޫނީ ހުރަހެއް އޮތްތޯ ބެލުމާއި ހުރަހެއް ނެތް ނަމަ، ކައުންސިލުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ސީއެސްއާރު ކޮމްޕޯނެންޓްގެ ގޮތުގައި ހިމަނާފައިވާ ކަންކަން ދިރާސާކުރުމަށްފަހު، ކައުންސިލުން އެކަމާ މެދު އަލުން މަޝްވަރާކޮށް ގޮތެއް ނިންމާ ވާހަކަ ކައުންސިލުގެ ނިންމުމުގައި ބުނެފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
އަދި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ސިނާއީ މަސައްކަތެއް ކުރުމުގެ ނަމުގައި ބަނޑިދޫން ދޫކުރަން މަސައްކަތްކުރާ 50،000 އަކަފޫޓުގެ ބިމަކީ ލޭންޑް ޔޫސް ޕްލޭންގައި ފަތުރުވެރިކަމުގެ ބޭނުމަށް ހާއްސަ ކުރެވިފައިވާ ބިމެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
"ބަނޑިދޫ ކައުންސިލުން މި ކަމުގައި އެންމެ ފުރަތަމަ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ކައުންސިލްގެ ރައީސް މަސައްކަތް ކުރައްވާފައިވަނީ އިއުލާން ކުރުމަކާއި ނުލައި މި ބިން ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ދިނުމަށެވެ. މިގޮތުން، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ލީގަލް ޑިޕާޓްމެންޓުން، އެ ބިން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދެވިދާނެކަމަށް ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާއަށް އަނގަބަހުން އަންގާފައިވާ ކަމަށް އެތަށް ފަހަރަކު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ލަފާގެ ސިޓީ އައިއިރު، މިކަމުގައި މުޅިން ތަފާތު ރައުޔެއް އޮތުމުން، މިއީ ސީދާ ރައްޔިތުންނަށް ގަސްތުގައި އޮޅުވާލުމަށް ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ހަދާފައިވާ ދޮގެއްކަން ސާބިތުވެއެވެ" ބަނޑިދޫ ކައުންސިލުން ބުންޏެވެ.
އެ ކައުންސުލުން ބުނީ ބިން ކުއްޔަށް ހިފުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ "ބިލްޑިން ސިސްޓެމްސް އެންޑް ސާވިސަސް" އަކީ އެފަދަ ޕްރޮޖެކްޓެއް ތިން އަހަރު ދުވަހުގެ މުއްދަތަށް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއްތޯ ވެސް ބަލާފައިނުވާ ކަމަށާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާއާއި ވިޔަފާރިއާއި ގުޅުންހުރި ކަންކަން އެއްވެސް މިންވަރަކަށް މިންކުރާނެ ގޮތް ހިމަނާފައިނުވާ ކަމަށް ވެސް އޭސީސީން މައްސަލަ ހުށަހެޅި ފަރާތާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
"މި މައްސަލައިގައި، މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޮޕްމެންޓަށް ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައެވެ. މިގޮތުން، ބަނޑިދޫއިން މިހާރު ކުއްޔަށް ދޫކުރުމަށް މަސައްކަތްކުރާ ސަރަހައްދުގައި ހުރި އުރީދޫގެ އެންޓަނާގައި ވަރަށް ބޮޑަށް ރޭޑިއޭޝަން ހުންނާނެ ކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާއި ގުޅުންހުރި އިދާރާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވަނީ، އުރީދޫއިން ގެންގުޅޭ އެއްވެސް އެންޓަނާއަކުން، އިންސާނުންގެ ސިއްހަތަށް ގެއްލުންވާނެ އެއްވެސް މާއްދާއެއް ރޭޑިއޭޓް ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ" ބަނޑިދޫ ކައުންސިލުން ބުންޏެވެ.
ބަނޑިދޫ ކައުންސިލުން ބުނި ގޮތުގައި އެ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން އެދެނީ އެކަންކަމަށް ރިއާޔަތްކޮށް މައްސަލަ ތަހުގީގުކޮށް ދިނުމަށް ކަމަށެވެ. އަދި ބަނޑިދޫގެ ބޮޑު ބިމެއް އުސޫލާ ހިލާފަށް ދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވައި ދިނުމަށް އެދިފައިވާ ކަމަށާއި އެ ބިން ދޫކުރުމުގެ މައްސަލައިގައި ކައުންސިލްގެ ރައީސް މުހައްމަދު މޫސާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ވަރަށް ބޮޑަށް ސާފުވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު