ހަވަރަކީ ކޮބައި ހެއްޔެވެ. އެއީ ކުރީޒަމާނުގައި ހަނގުބޭކަލުން ބެހިފައި އޮންނަ ހަބައެވެ. އެއީ ރަދުން ނުވަތަ ރަސްގެފާނުގެ ލަޝްކަރެވެ. ގައުމުގެ އަސްކަރިއްޔާއެވެ. މިޒަމާނުގެ ބަހުން ސިފައިންނެވެ. މިލިޓަރީއެވެ. މިފަހަކަށްއައިސް ބައެއް މީހުން ހީކުރެއެވެ. ހަނގުބޭކަލުންނޭ ބުނެވޭ ބަހުގެ މުރާދަކީ ޒުވާނުންނެވެ. ހަގު މީހުންނެވެ. ނޫނެކެވެ. ހަގާއި ހަނގަކީ މުޅިން ތަފާތު ދެ ލަފުޒެކެވެ. ހަގުވުމަކީ އުމުރުން ޅަވުމެވެ. ހަނގުކަމަކީ އަދި މުޅިން އެހެން އެއްޗެކެވެ. އެއީ ކުރީޒަމާނުގައި ރަސްގެފާނު ދެއްވާ އޮޅިމެދުކަމުގެ ދަރަޖައެކެވެ. އޮޅިމެދުކަމުގެ ދަރަޖަ ދެއްވާ ބޭކަލުން ތިއްބަވަނީ ރަސްގެފާނުގެ ލަޝްކަރުގެ ތެރޭގައެވެ. އޮޅިމެދުކަން ބެހިގެންވަނީ މައިގަޑު ހަތަރު ބަޔަކަށެވެ. ހަނގުކަމެވެ. ވަރުހަނގުކަމެވެ. އައްތާރަފަނިކަމެވެ. އަސްކަރުކަމެވެ. މިހުންނަނީ މިޒަމާނުގެ ބަހުރުވައިންނަމަ ރޭންކެވެ. މިއިން ކޮންމެ ރޭންކެއްވެސް ހިމެނިގެންވަނީ އޮޅިމެދުކަމުގެ ދަރަޖައިގެ ތެރޭގައެވެ. އެގޮތުން މިދަރަޖައިގެ ބޭކަލުންނަށް ނަން ކުރުކޮށްފައި ހަނގުބޭކަލުންނޭ ކިޔަނީއެވެ.
ހަވަރަށް ދިނުމެކޭ ނުކިޔައެވެ. ހަވަރަށް ދެއްވަނީއެވެ. ދެއްވުމަކަށްވާ ސަބަބަކީ އެ ދެއްވުމެއް ދެއްވުމުގެ އޮތޯރިޓީއަކީ ހަމައެކަނި ރަސްގެފާނު ކަމަށްވުމެވެ. އެހެންވީމާ ދެއްވަނީއެވެ. ރަސްގެފާނު ކުރައްވާ ކޮންމެ ކަމެއް މާތްވާ އުސޫލުންނެވެ. ހަވަރަށް ދެއްވުމަކީ ރަސްކަމާ ދެކޮޅަށް ނުވަތަ ރަސްގެފާނާ ދެކޮޅަށް ބޮޑު ކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި ހަނގުބޭކަލުން ބޭނުންވާ ކޮންމެ ގޮތެެއް އެމީހާއަށް ހަދައިލުމަށް ރަސްގެފާނު އެމީހަކު މިދެންނެވި ބޭކަލުންނަށް ދެއްވަނީއެވެ. ކުރިންވެސް ބަޔާންކުރެވުނު ގޮތަށް އެބޭކަލުންނަކީ އަސްކަރިއްޔާއެވެ. ރަސްގެފާނުގެ ލަޝްކަރެވެ. ހަވަރެވެ. އެދުވަސްވަރު ރައްޔިތުންނެއް ނުތިބެއެވެ. ތިބެނީ ރަސްގެފާނުގެ އަޅުންނެވެ. އެންމެންނަކީވެސް ރަސްގެފާނުގެ އަޅުންނެވެ. އެހެންވީމާ ރަސްގެފާނުވެސް ރައްޔިތުންނެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވާނީ އަހުރެންގެ އަޅުތަކުންނެވެ. ރަސްގެފާނުގެ އަޅުތަކުންގެ ތެރެއިން އަޅަކު ހަވަރަށް ދެއްވީމާ ދެން އެބޭކަލުން ހިތަށް އެރިގޮތަކަށް ތަޅައިގެންފާނެއެވެ. ގިނަފަހަރަށް ވާނީ މަރެވެ.
ހަވަރަށް ދެއްވުމަކީ ކުރީޒަމާނުގައި ވަކިގޮތަކަށް އަދި ވަކިހަމަޔަކަށް ފެއްތިގެން ކުރެވުނު ކަމެކެވެ. އެދެއްވުމެއް ދެއްވަނީ ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ. އެންމެންގެ ސާހިބާއެވެ. ރަސްގެފާނެވެ. އެއީ ރައްޔިތުންގެ ތެރެއިން ބަޔަކު މިހެން ތިބެފައި ހިތަށްއެރީމާ ނުކުމެ ހިތަށްއެރި މީހަކު ހިފައި ހައްޔަރުކޮށް ރައްޔިތުންގެ ތެރެއިން އެހެން ބަޔަކާ ހަވާލުކޮށް ތަޅައި މެރުމެއް ނޫނެވެ. އެކަމަކު މިޒަމާނުގައި ހަވަރަށް ދެެއްވުން ނުވަތަ ހަވަރަށް ދިނުމުގެ މާނަ ވަރަށް ގިނަބަޔަކަށް ވަނީ އޮޅިފައެވެ. ތާރީޚީ ގިނަކަންކަން އޮޅިފައިވާ އުސޫލުންނެވެ. މިޒަމާނުގެ މީހުން ހީކުރެތެވެ. އެއީ ރައްޔިތުން ނުކުމެ އެމީހުންގެ އަމިއްލަ މުލައްދަނޑިން އިންސާފު ގާއިމުކުރުމެވެ. މޮބް ރޫލެވެ. ނޫނެކެވެ. މޮބް ރޫލަކަށް އެއްވެސް އިރަކު ޖާގައެއް ނެތެވެ. ދިވެހިރާއްޖޭގައި ލިޔެވިފައިވާ ގާނޫނުއަސާސީއެއް 1932 ވަނަ އަހަރު ވުޖޫދުކުރެވި ރަސްގެފާނުގެ ދޫފުޅުން ބޭރުވާ ކޮންމެ ބަސްފުޅަކީ ގާނޫނުކަމަށް ވުމުގެ ބަދަލުގައި ރަސްގެފާނުވެސް ގާނޫނުއަސާސީއަކަށް ތަބާވުން ލާޒިމުވި ހިސާބުން ހަވަރަށް ދެއްވުމެއްވެސް ނޯވެއެވެ. އޮންނަނީ ގާނޫނީ ހުކޫމަތެކެވެ. ނިޔާ އިއްވަނީ ފަނޑިޔާރުގެއިންނެވެ. ސަރިޔަތުގެ އުސޫލުންނެވެ.
ހަވަރަށް ދިނުމުގެ މިސާލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަތިރީގޭ މުހައްމަދު އަމީނުގެ ނިމުން ވަރަށް ގިނަބަޔަކު ބޭނުންކުރާތީ އެބައިވެއެވެ. ލިޔުންތައް ލިޔެފައިވަނިކޮށްވެސް އެބަފެނެއެވެ. މިއީވެސް ވަރަށްބޮޑު އޮޅުމެކެވެ. މުހައްމަދު އަމީނު ހަވަރަށް ދިނީ ކާކުހެއްޔެވެ. އޭރު ހަވަރެއް އޮވޭ ހެއްޔެވެ. ޖަވާބަކީ އޭރު ހަވަރެއް ނެތެވެ. އޮތީ މުތުލަގު ސިފައިންގެ ލަޝްކަރެކެވެ. މިޒަމާނުގެ ގޮތަށެވެ. ރަސްކަލަކުވެސް ނެތެވެ. ހަވަރަކަށްވެސް ނުދެއެވެ. މުހައްމަދު އަމީނާމެދު ކަންކަން ހިނގީ މިޒަމާނުގެ ގިނަބަޔަކު ހީކުރާ ގޮތަކަށް ނޫނެވެ. އެހެންވީމާ މުހައްމަދު އަމީނު ހަވަރަށް ދިނީއެކޭ ނުބުނެވޭނެއެވެ. އަމީނާމެދު އެހިނގި ކަމެއް ހިނގީ އަމީނުގެ ވެރިކަންވެސް އިންގިލާބަކުން ނިމިފައިވަނިކޮށެވެ. ބާރުތައް ގެއްލިފައިވަނިކޮށެވެ. ރައީސްކަމުގައި ހުންނަވަނިކޮށް ބަޔަކު އެމަނިކުފާނާމެދު ނުރުހިގެން އަތިރީގެޔަށްވަދެ ހައްޔަރުކޮށް ރައްޔިތުންނާ ހަވާލުކޮށްގެން ތަޅައި އަވަހާރަކޮށްލީއެއް ނޫނެވެ.
އަމީނުގެ ޖުމްހޫރިއްޔާ ގާއިމުކުރެވުނީ 1 ޖެނުއަރީ 1953 ގައެވެ. އަމީނުގެ ރައީސްކަން ދެމިއޮތީ އެންމެ ހަތްމަސް ދުވަހުއެވެ. ހަކުރުބައްޔަށް ފަރުވާ ހޯއްދެވުމަށް ސިލޯނުގެ ވެރިރަށް ކޮޅުނބުގައި ހުންނަވަނިކޮށް ވެރިކަމުން ދުރުކުރީ ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުން އެމަނިކުފާނަށް އިތުބާރުނެތްކަމަށް ފާސްކޮށްގެންނެވެ. ގާނޫނީ ހަމަތަކާ އެއްގޮތަށެވެ. ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެންނެވެ. ގާނޫނުހަދާ މަޖިލީހުން މި ނިންމުމެއް ނިންމީ 21 އޮގަސްޓް 1953 ގައެވެ. އަމީނުގެ ވެރިކަން ނިމުމަކަށް ގެނެސް ވެރިކަން ހަވާލުކުރީ އޭރުގެ ގާނޫނީ ހަމަތަކުގެ މަތިން އަމީނުގެ ނާއިބުރައީސާއެވެ. އެހާދިސާއަށް ދިހަ ދުވަސް ފަހުން 31 އޮގަސްޓް 1953 ގައި އަމީނު ރާއްޖެވަޑައިގެންނެވިއިރު އެމަނިކުފާނުގެ ވެރިކަން ނިމިފައިވާކަން އަމީނަކަށް އެނގިވަޑައިގެންފައެއް ނެތެވެ. އެކަން އެނގިވަޑައިގަތީ ރާއްޖެ ވަޑައިގެންނެވުމުންނެވެ. ގެންދެވުނީ މާލެއާ ގާތުގައިވާ ދޫނިދޫއަށެވެ.
ބާރުތައް ނިގުޅައިގަނެވި ވެރިކަމުން ދުރުކުރެވި އަސީރެއްގެ ގޮތުގައި ގާތްގަޑަކަށް ހަތަރުމަހެއްހައި ދުވަހު އަމީނު ދޫނިދޫގައި ހުންނެވިއެވެ. މާލޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ދެމެދު ސިޓީން މުއާމަލާތު ކުރެވެއެވެ. އެމީހުން އަމީނަށް އެރުވި ޔަގީންކަމަކީ އަމީނު މާލެއަރާވަޑައިގެންފިއްޔާ ވެރިކަން އަނެއްކާވެސް އަމީނަށް ލިބިވަޑައިގެންފާނެ ކަމެވެ. ޑިސެމްބަރު ތިރީސްވަނަ ދުވަހުގެރޭ ދަންވަރު އަމީނު މާލެއަރާވަޑައިގަތީ އޭރުއޮތް ގާނޫނީ ސަރުކާރު ބަދަލުކޮށްލެއްވުމަށެވެ. އެ ނިޔަތުގައި މާލެއަށް ފައިބާވަޑައިގެންނެވީއެވެ. އަމީނުގެ ހަތުރުންނަށް ކުރީއްސުރެ އޮތީ މިރޭވުމުގެ މައުލޫމާތު ލިބިފައެވެ. ދެންވީ އެއްޗެއްވީއެވެ. ބަޔަކު އެއްވެގެން އެމަނިކުފާނުގެ ހަށިކޮޅަށް އަރައިގަނެ އަނިޔާކުރީއެވެ. ވަރަށް ބޮޑަށެވެ. އެއީ ހަވަރަށް ދިނުމެއް ނޫނެވެ. އެއީ އެހެންކަމެކެވެ. އަނިޔާ ލިބިފައިވާ ހާލު އަމީނު އަރުވައިލެވުނީ މާލެއަތޮޅު ގާފަރަށެވެ. ބަލިހާލަތު ބޮޑުވެގެން ދެން ގެނެސް ބެހެއްޓީ މާލެއާ ގާތުން ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސް ރިސޯޓެވެ. އެރަށުގައި އަމީނު އަވަހާރަވީ 1954 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުއެވެ.
އަމީނު އަވަހާރަވީ ޖިސްމާނީ އަނިޔާ ލިބިވަޑައިގެންނެވިތާ ގާތްގަޑަކަށް ތިން ހަފުތާ ފަހުންނެވެ. އަނިޔާތަކަށް 42 ދުވަސް (ހަ ހަފުތާ) ނުވާތީ، އަމީނު އަވަހާރަވީ އެއަނިޔާތަކުގެ ސަބަބުން ކަމަށް ބުނެވޭން އެބައޮތެވެ. މިއީ ބޭސްވެރިކަމުގެ ގޮތުން ކަނޑައަޅާފައި އޮންނަ މިންގަނޑެކެވެ. ކޮންމެއަކަސް ދެންއުފެދޭ ސުވާލަކީ ބޮޑު ސުވާލެކެވެ. އަމީނު އަވަހާރަވީ ކުށްވެރިއެއްގެ ގޮތުގައެވެ. ހުކުމެއް ކުރެވިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އެއްވެސް ސަރުކާރަކުން އެމަނިކުފާނަށް މައާފުދީފައިވޭ ބާވައެވެ. މި ސުވާލު އުފެދެނީ އަމީނަކީ މުޅިންވެސް މައުސޫމް ބޭފުޅެއްގެ ގޮތުގައި ބައެއް ބޭފުޅުން ލިޔުންތައް ލިޔުއްވާތީއެވެ. އަދި އަމީނުގެ އަވަހާރަވުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ސާލިހުގެ ދައުރުގައި ބޮޑު މުއައްސަސާއެއްވެސް އުފައްދަވައި ހިސާބަކަށް ތަހުގީގުވެސް ހިންގާފައިވާތީއެވެ. އެއްވެސް ސަރުކާރަކުން އަމީނަށް މައާފުދީފައެއް ނެތެވެ. އެންމެންވެސް ދައްކަނީ ވާހަކައެވެ.
ވެލާނާގޭ އިބްރާހިމް ނާސިރާއި ސުވާދީބުގެ ވެރިޔާ އައްޑޫ ހިތަދޫ އަފީފަށްވެސް ރައީސް މައުމޫނުގެ ދައުރުގައި އޮތީ މައާފު ދެވިފައެވެ. އެބޭފުޅުންނަށް ސަރިޔަތުން އިއްވިފައިވާ ހުކުމްތައް ބާތިލްކޮށް އެބޭފުޅުންނަކީ ދައުލަތުން މައާފު ދެވިފައިވާ ބޭފުޅުންކަމަށް އޮތީ ނިންމިފައެވެ. އެކަހަލަ ކަމެއް އަމީނާމެދު ނިންމާފައެއް ނެތެވެ. އެހެންވީމާ އެއީ ކިތަންމެ މައުސޫމް ބޭފުޅަކަށް ވިޔަސް އަދި އަވަހާރަވީ އަނިޔާވެރިންގެ ކިބައިން ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށްވިޔަސް ދައުލަތުގެ މުއައްސަސާތަކުގެ ކުރިމަތީގައި އަދި ދައުލަތުގެ ރިކޯޑުތަކުގެ ކުރިމަތީގައި އަމީނަކީ ކުށްވެރިއެކެވެ. އެކަން ބަދަލުކުރަން ބޭނުން ބަޔަކު ތިބިއްޔާ އަމީނުގެ ހަނދާނަށްޓަކައިވިޔަސް އަމީނަށް މައާފުދޭން ޖެހެއެވެ. ރަސްމީ ގޮތުންނެވެ. އޮމްބަޑްސްޕާރސަން އޮފީހެއް ހައްދަވައިގެން ރައީސް ސާލިހު ކުރައްވަން އުޅުއްވި ކަމަކީ އަމީނުގެ ރިކޯޑުތައް ސާފުކުރެއްވުން ކަމަށް ވެދާނެއެވެ. މައާފު ދެއްވުން ކަމަށް ވެދާނެއެވެ. އެކަމަކު އެ އޮފީހުގެ މެންޑޭޓް ނިމި މަންސޫޚުވެގެން ދިޔައީ އެކަންވެސް ނުކުރެވިއެވެ.
ދައުލަތުން ވަކިތަނެއްގައި އަމީނު ބަހައްޓާފައިވަނިކޮށް ރޭގަނޑެއްގެ ދަންވަރު އަމީނު ސިއްރިޔާތުގައި މާލެއަށް އަރާވަޑައިގަތީ އޭރުއޮތް ގާނޫނީ ވެރިކަން ބަދަލު ކުރެެއްވުމަށެވެ. އެއީ ކުށެކެވެ. އެކަމުގެ ތެރޭގައި އެމަނިކުފާނުގެ ހަތުރުންގެ އަތްދަށުގައިވީއެވެ. އެގޮތުން އެމަނިކުފާނަކީ ކުށްވެރިއެއް ކަމަށް ޚުދު އެމަނިކުފާނު ވަނީ ސަރިޔަތުގައި އެއްބަސްވެވަޑައިގެންފައެވެ. އަމީނުގެ ހަތުރުން އެމަނިކުފާނަށް ދިން ޖިސްމާނީ އަނިޔާއަކީ ގާނޫނުން ބޭރުގައި މުލައްދަނޑީގެ ބާރުގައި ހިންގި އަމަލެކެވެ. އެއީވެސް ކުށެކެވެ. އެއީ ހަވަރަކާ ބެހޭ ކަމެއް ނޫނެވެ. ދައުލަތުގެ މުއައްސަސާއަކުން ހުއްދަކުރި ކަމެއްވެސް ނޫނެވެ. ސިޔާސީ ރޭވުންގަޑެއްގެ ތެރެއިން ބަޔަކުލައްވާ ކުރުވި ކަމެކެވެ. އެކަން އެމަގުން ހިނގި ސަބަބުގެ މައްޗަށް ވާހަކަ ދިގުކުރާކަށް ނެތީމެވެ. އެހެން މައުޟޫއަކަށްވާތީއެވެ. ވާހަކަ ދައްކަމުންމިދާ މައުޟޫއަކީ ހަވަރެވެ. ހަވަރަށް ދިނުމެވެ. އަމީނުގެ ނިމުން އައިގޮތެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް