މިއަހަރުގެ މިހާތަނަށް ގައިދީންގެ ބޭސްފަރުވާއާ ގުޅުންހުރި 131 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަންގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި އެޗްއާރުސީއެމްގެ ސީނިއާ އެޑްވޮކަސީ އޮފިސަރު މުހައްމަދު ޝަނޫން މިއަދު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އިންސާނީ ހައްގުތަކާ ގުޅޭ 637 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގައިދީންގެ ބޭސްފަރުވާއާ ގުޅޭ މައްސަލަތައް ކަމަށެވެ.
"މިހާތަނަށް އިންސާނީ ހައްގުތަކާ ގުޅޭ 637 މައްސަލަ. އޭގެ ތެރޭގައި 249 މައްސަލަ ބެލުމަށްފަހު، ނިންމާފައިވަނީ މާބޮޑު އަސާސެއް ނެތް ކަމަށް. ތަހުގީގުކުރަން ނިންމީ 388 މައްސަލަ. ދެން އޭގެ ތެރެއިން 222 މައްސަލަ މިހާރު ތަހުގީގުކޮށް ނިމިފައިވަނިީ. ހުށަހެޅި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅުނީ ގައިދީންނާއި ބަންދު މީހުންގެ ބޭސްފަރުވާގެ މައްސަލަތައް، 131 މައްސަލައެއް ހުށަހެޅިފައި،" އޭނާ ވިދާޅުވިއެވެ.
ލާއިންސާނީ އަނިޔާގެ އަމަލުތަކުގެ ޓޯޗާގެ އަމަލުތަކާ ގުޅުންހުރި 99 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ބޭސްފަރުވާގެ މައްސަލަތަކުގެ އިތުރުން ގައިދީން ވެންޓިލޭޝަން ނޫނިީ އެ މީހުންގެ ކާތަކެއްޗާ ގުޅުންހުރި 53 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވެސް ޝަނޫން ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި އެޗްއާރުސީއެމްގެ ސީނިއާ އެޑްވޮކަސީ އޮފިސަރު ފާތިމަތު އަހުމަދު ވިދާޅުވީ، ހައްގުތައް ކަށަވަރުވާން ވާނީ ވަކި ކުލައަކަށް ނުވަތަ ވަކި ޕާޓީއަކަށް ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވީތީ ނޫން ކަމަށާއި އިންސާނަކަށް ވީތީ ކޮންމެ ކުލައެއްގެ ކޮންމެ މީހަކަށްވެސް އެ ހައްގު އޮންނަންވާނެ ކަމަށެވެ.
އެ ކޮމިޝަނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށާއި ކޮންމެ މަސައްކަތެއް ކުރުމަށްވެސް ބަޖެޓު މުހިންމު ކަމަށްވީ ނަމަވެސް، ބަޖެޓުގެ ދަތިކަމުގެ ސަބަބުން އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ގެންދަން އުނދަގޫވާ ކަމަށް ފާތިމަތު އަހުމަދު ވިދާޅުވިއެވެ.
"އިންސާނީ ހައްގުތަކާ ދޭތެރޭ މީހުން ހޭލުންތެރިކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް. އެކަމަށް ވަރަށް ކުޑަކުޑަ އެތިކޮޅެއް މި ލިބެނީ. ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް މިވަނީ ކޮންމެވެސް ހައްގަކާ ގުޅިފައި. އިންސާނީ ހައްގުތަކާ ދޭތެރޭ މީހުން ހޭލުންތެރިކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް. ހުރިހާ ރައްޔިތުން އަދި ރާއްޖޭގައި އުޅޭ ބިދޭސީންވެސް. އެ ހައްގުތައް އެކި ގޮތްގޮތުން ފޯރުކޮށްދިނުމަކީ ދައުލަތަށް ވާޖިބުވާކަމެއް،" ފާތިމަތު އަހުމަދު ވިދާޅުވިއެވެ.
ދައުލަތުން ބަޖެޓުގެ ދަތިކަން ފިލުވަން މަސައްކަތްކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް އިތުރަށް ތަރައްގީކުރަން އެކި ޕްލެޓްފޯމުތަކުގައި ވަކާލާތުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލުތަކުގެ ގައިދީންގެ ފަރާތުން ލިބޭ އިތުރު ޝަކުވާތަކަށް އަލިއަޅުއްވާލައްވަމުން ފާތިމަތު އަހުމަދު ވިދާޅުވީ ޖަލުތަކުުގެ ކުޑަދޮރުން އަލި ނުވަންނަ ގޮތަށް ހުރި މައްސަލަތަކާއި އެތަން ބަދަލުކުރުމަށް ގައިދީން އެދޭ އެދުމަށް އިޖާބަ ދެވެން ނެތް ސަބަބަކީ އެ މުއައްސަސާގެ ބަޖެޓުން އެކަން ކޮށްދެވެން ނެތުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު