ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހިއްޒުއަށް ހަދަން ޖެހޭނެ ކަމަށް ބުނި މައްސަލަ ސީރިއަސްކަމާއެކު ވަގުތުން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު ހދ. ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި އެގޮތަށް ބުނެފައިވާއިރު، އޭނާގެ ވާހަކަ ދިފާއުކޮށް، ރައްޔިތުންނަށް ދެރަ ދިނީމަ މުހައްމަދު އަމީނަށް ހެދި ގޮތް ހަދަން ޖެހޭކަމަށް ދޭހަވާ ފަދަ ގޮތަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވާހަކަ ދައްކަވައިފައެވެ.

ފައްޔާޒުގެ އެ ވާހަކަކޮޅު ޕޯސްޓް ކުރައްވައި، މަޖިލީހުގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށެވެ.

"މިއީ ކަމާ ގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއް. އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއްކަމަށް ބަލައިގެންނުވާނެ،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ރައީސް އަމީނަށް ހެދި ގޮތް ރައީސް މުހިއްޒުއަށް ހަދަންވީ ކަމަށް ބުނެ، އެމްޑީޕީގެ އެކްޓިވިސްޓު ދެއްކި ވާހަކައަކާ ގުޅިގެން، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.