ސީރިޔާގެ ވެރިރަށް ދިމިޝްގު ހިފައި ރައީސް ބައްޝާރުލް އަސަދުގެ ފަންސަވީސް އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި ހަގުރާމަވެރި ޖަމާއަތުގެ ނަމަކީ ހައިއަތު ތަހުރީރު އައްޝާމް، އެޗްޓީއޭ އެވެ. އެ ޖަމާއަތުގެ ލީޑަރަކީ އުމުރުން 42 އަހަރުގެ އަބޫ މުހައްމަދު އައްޖޫލާނީއެވެ. އޭނާއަކީ ސީރިޔާގެ މަންމަޔަކާއި ބައްޕަޔަކަށް ސައޫދީއަރަބިޔާގައި އުފަންވި މީހެކެވެ. ބައްޕަޔަކީ ގޯލާންގެ އުސްބިމުގައި އުފަންވި ޕެޓްރޯލިއަމް އިންޖިނޭރެކެވެ. ސައޫދީ އަރަބިޔާގެ ތެލުގެ ކާރުޚާނާގަައި އޭނާ މަސައްކަތްކުރި ޒަމާނުގައި އެތަނުގައި ދަރިޔަކު ލިބުނީއެވެ. އެގޮތުން އުމުރުގެ އެންމެ ކުރީގެ އަހަރުތައް ޖޫލާނީ ހޭދަކުރީ ސައޫދީއަރަބިޔާގައެވެ. އެނބުރި ސީރިޔާއަށް ދިޔައީ ދާޚިލީ ހަގުރާމައިގެ ތެރޭގައެވެ. އެންމެ ފުރަތަމަ އޭނާއަކީ ޖަބްހަތުއް ނުސްރާގެ އަމީރެވެ. އެއީ އަލްގައިދާ ޖަމާއަތުގެ ސީރިޔާ ގޮތްޕެވެ. ކޮންމެއަކަސް ސީރިޔާގެ އައު ލީޑަރަކީ މިހާރު އަބޫ މުހައްމަދު އައްޖޫލާނީއެވެ. އޭނާގެ އަސްލާއި ނަސްލު ގުޅިފައިއޮތީ ގޯލާންގެ އުސްބިމާއެވެ.

މިދެންނެވި ގޯލާނުގެ އުސްބިމަކީ 1967 ގެ ހަގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ސީރިޔާގެ ބިމެކެވެ. ޖޫލާނީގެ އާއިލާއަކީ ގޯލާން ހިފުމަށްފަހު އިޒްރޭލުން ފައްސާލާފައިވާ އާއިލާއެކެވެ. ސީރިޔާގެ އައު ލީޑަރަކީ ގޯލާނަށް ނިސްބަތްވާ މީހަކަށްވުމާއެކު ދެން ކަންތައް ފުރޮޅިގެން ހިގައިދާނެ ގޮތަކާމެދު ވިސްނުމަކީ ނެތްކަމެއް ނޫނެވެ. އޮތްކަމެކެވެ. ބަލަންވެސްޖެހޭ ކަމެކެވެ. ބައްޝާރުލް އަސަދުގެ ސަރުކާރު ވެެއްޓުނުތާ ސައުވީސް ގަޑިއިރުވެސް ނުވަނީސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް އިޒްރޭލް ސިފައިންވަނީ ސީރިޔާގެ ތެރެއަށްވަދެ ގޯލާނާ އިންވެގެންވާ ސީރިޔާގެ ވަރަށް ބޮޑު ސަރަހައްދެއް ހިފައި އެތަނުގައި ގާއިމުވެގެންތިބި ސީރިޔާގެ ސިފައިން ފައްސާލައިފައެވެ. މިކަން މިމަގުން ކުރުމަށްފަހު ނަތަނަޔާހޫ މިއަދު އިއުލާންކުރިއެވެ. ބައްޝާރުގެ ވެރިކަން ނިމުނީމާ ގޯލާނުގެ ކައިރީގައި ތިބި ސީރިޔާގެ ސިފައިން އެތަން ދޫކޮށް ދިޔައީއެވެ.

ގޯލާނުގެ ބޯޑަރަށް ހަގުރާމަވެރިން އަތުވެދާނެތީ އެކަމުން އިޒްރޭލާއި އިޒްރޭލުގެ ރައްޔިތުން ރައްކާތެރި ކުރުމަށް ސީރިޔާގެ ސަރަހައްދެއްގައި ކަޑަޖަހައި ހިފަންޖެހުނީކަމަށްވެސް ނަތަންޔާހޫ އެބަބުނެއެވެ. މިކަން ދާއިމީކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނަމޭ އެބަބުނެއެވެ. ކޮންމެއަކަސް އަލަށް މިހާރު އިޒްރޭލުން ފޭރިގަތް ބިމުގައި ސީރިޔާގެ ރައްޔިތުން ދިރިއުޅޭ ހައެއްކަ އަވަށް އެބައޮތެވެ. އެ އަވަށްތަކުގެ އަހުލުވެރިންނަށް އިޒްރޭލުން އަންގައިފިއެވެ. މިވަގުތު ގޭގައި ތިބޭށެވެ. ދެކޮޅުވެރިވާން ނޫޅޭށެވެ. ދެކޮޅުވެރިވާ މީހުންގެ ނިމުން ދެކެން ތިބޭށެވެ. ކަލޭމެންނާމެދު އަމަލުކުރާނެ ގޮތެެއް އެބައަންގަމެވެ. ކޮންމެއަކަސް ބައްޝާރުގެ ވެރިކަން ނިމުމާއެކު އިޒްރޭލު އެއޮތީ އަނެއްކާވެސް ސީރިޔާގެ ބިމުން ބޮޑުބައެއް ފޭރިގެންފައެވެ. މިކަން މިމަގުން ކުރުމަށް ކުރީއްސުރެ ރާވައިގެން ތިބިކަމަށް ހީވެއެވެ. ހަގީގަތުގައި އެހިސާބު ދޫކޮށް ސީރިޔާގެ ސިފައިން ދިޔައީއެއް ނޫނެވެ. އިޒްރޭލް ސިފައިން އެސަރަހައްދަށް ވަދެ ގަދަބާރުން ސީރިޔާގެ ސިފައިން ފައްސައިލީއެވެ.

މިކަން އެކުރީ ހަމަކަށަވަރުންވެސް ކުރީއްސުރެ ތައްޔާރަށް ތިބެފައެވެ. އިޒްރޭލުގެ މި އަމަލުގެ ދިފާއުގައި އެމެރިކާއާއި ޔޫރަޕުގެ ގައުމުތައް މިހާރުވެސް ތެދުވެއްޖެއެވެ. ބުނަން ފަށައިފިއެވެ. މިއީ ހައިއަތު ތަހުރީރު އައްޝާމުގެ ހަގުރާމަވެރިންގެ ކިބައިން އިޒްރޭލް ރައްކާތެރި ކުރުމުގެ ގޮތުން ކުރާންޖެހޭ ކަމެކެވެ. އިޒްރޭލުގެ ރައްކާތެރިކަމަށްޓަކައި އެގައުމުން އަޅާނީ އަޅަންޖެހޭ ފިޔަވަޅުތަކެވެ. އިނގިރޭސިވިލާތުގެ ބީބީސީއާއި އެމެރިކާގެ ސީއެންއެންފަދަ މީޑިއާ ޕްލެޓްފޯމްތަކުން މިއަދުންފެށިގެން ކުރާ މަސައްކަތަކީ ސީރިޔާގެ އައު ބިމެއް އިޒްރޭލުން ފޭރިގަތް ފޭރިގަތުން ސައްހަކަމަށް ދުނިޔެއަށް ދެއްކުމުގެ މަސައްކަތެވެ. އިޒްރޭލުން އަލަށް ފޭރިގަތް ސަރަހައްދަކީ ސީރިޔާގެ ގުނައިތުރާ ޕްރޮވިންސެވެ. މިއީ ސީރިޔާގެ ސާދަ ޕްރޮވިންސްގެ ތެރެއިން ޕްރޮވިންސެކެވެ. އާބާދީ އެންމެ ކުޑައީވެސް މި ޕްރޮވިންސުގައެވެ. އޭގެ ސިއްރަކީވެސް އިޒްރޭލެވެ. އިޒްރޭލުން ހިންގަމުންދާ އުދުވާނީ ހަރަކާތްތަކެވެ.

ސީރިޔާ އާއި އިޒްރޭލުގެ މެދުގައި 1973 ގައި ކުރެވުނު ހަގުރާމައިގައި މި ޕްރޮވިންސްގެ ގިނަ ރަށްތައް އިޒްރޭލުން ވަނީ ސުންނާފަތިކޮށްފައެވެ. ޕްރޮވިންސުގެ ވެރިރަށް ގުނައިތުރާ ސިޓީވެސް ހިމެނޭ ގޮތުންނެވެ. އެހެންވީމާ އެރަށްތައް ވަނީ މައިގަޑުގޮތެއްގައި ފަޅުވެފައެވެ. މުޅި ގުނައިތުރާގެ އާބާދީކަމުގައި މިހާރު ބެލެވެނީ އެންމެ 87 ހާސް މީހުންނެވެ. ގުނައިތުރާ ޕްރޮވިންސް ކަމުގައިވާ 700 އަކަކިލޯމީޓަރު އިޒްރޭލުން ފޭރިގަތީމާ ދެން އެތަނުގެ އާބާދީއާމެދު އަމަލުކުރާނެގޮތް ދެންއޮތީ ކުރިންވެސް ބަޔާންކުރެވުނު ގޮތަށް ނޭގުމެއްގެ ތެރޭގައެވެ. މި ޕްރޮވިންސް އެއްކޮށް ފޭރިގަތުމަށްފަހު ނަތަންޔާހޫ އެބަބުނެއެވެ. ތިމަންނާމެން މިވަދެގަތީ ބަފަރ ޒޯނަކަށެވެ. ދެން އެޒޯނުގައިވާ ކޮމާންޑް ސެންޓަރު ތަކަށެވެ. ބަފަރ ޒޯނޭ އެބުނީ ދުނިޔެއަށް އޮޅުވައިލުމުގެ ގޮތުންނެވެ. މުޅި ޕްރޮވިންސަކީ ބަފަރ ޒޯނެއް ނޫނެވެ. ބަފަރ ޒޯނަކީ 1973 ގެ ހަގުރާމަ ނިމުމަށްފަހު ދެފަރާތުގެ ސިފައިން ހަމަލާ ބަދަލުނުކުރަން ކަނޑައަޅައި 1974 ވަނަ އަހަރު އެއްބަސްވެވިފައިވާ ކުޑަވަރެއްގެ ބިންއަރިއެކެވެ.

އިޒްރޭލް ސިފައިން ސީރިޔާގެ ގުނައިތުރާ ޕްރޮވިންސް ފޭރިގަތުމުގެ މާނަޔަކީ ސީރިޔާގެ ވެރިރަށް ދިމިޝްގާއި ގާތްގަޑަކަށް ފަންސާހަކަށް ކިލޯމީޓަރު ކައިރީގައި އިޒްރޭލުގެ ފައުޖުތައް ރުކުރުވައިލުމެވެ. ކަޑަޖެހުމެވެ. އެތަނުގައި ތިބެފައި ހަމައެކަނި ބޮޑުބަޑިންވެސް ދިމިޝްގު ސުންނާފަތިކޮށްލެވިދާނެއެވެ. މިސައިލާއި ރޮކެޓާއި ޑްރޯނާއި ޖެޓްތައް ބޭނުންނުކޮށްވެސް އެކަން ކުރެވިދާނެއެވެ. އެހެންވީމާ މިކަމަކީ ސީރިޔާގެ މިނިވަންކަމާއި ދެމިއޮތުމާ ގުޅިފައިވާ ކަމެކެވެ. ސީރިޔާގެ މުޅި ޕްރޮވިންސެއް ފޭރިގަތުމަށްފަހު ނަތަންޔާހޫ ބުންޏެވެ. މި ސަރަހައްދު އަލުން ބޭނުމިއްޔާ އަހަރެމެންނާ ނުބެހި ހިމޭނުން ތިބޭށެވެ. އޭރުން ދެން ކަންކުރަންވީގޮތް ނިންމާނަމެވެ. އަދިވެސް ބުންޏެވެ. ބައްޝާރު ވައްޓައިލީ އަހަރެމެންނެވެ. އެކަންކުރީވެސް އަހަރެމެންގެ ރައްކާތެރިކަމަށްޓަކައެވެ. އަހަރެމެންގެ ސަލާމަތް ކަށަވަރުކުރަން ކޮށްފައި ނުކުރާކަށް ވަކިކަމެއްވެސް ނުބާއްވާނަމެވެ. ކޮންމެއަކަސް ބައްޝާރުގެ ވެރިކަން ނިމުމާއެކު އެކަންކުރީވެސް ތިމަންނާމެންނޭ ބުނެފައި ނަތަންޔާހޫ އެއޮތީ ސީރިޔާގެ ސަރަހައްދެއް ވަގުތުން ފޭރިގެންފައެވެ.