ބޭރު ފައިސާއާ ބެހޭ ބިލުގައި އޮންނާނީ ގަވާއިދުގައި އޮތް ގޮތަށް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވަނީ ގާނޫނުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރުފަހު ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ނިންމާފައިވާނީ ރިސޯޓުތަކުން ވިއްޔާ 500 ޑޮލަރު ބޮލަކަށް މާރުކުރާ ގޮތަށް އަދި ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކާއި ސިޓީ ހޮޓާތަކާއި ލިވަބޯޑްތަކާއި އެހެނިހެން ތަންތަނުން ބޮލަކަށް 25 ޑޮލަރު ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމީ އެކި ކެޓަގަރީތަކަށް ބަހާލައި، ރިސޯޓުތަކުން ވިއްޔާ 500 ޑޮލަރު ބޮލަކަށް މާރުކުރާ ގޮތަށް. އެކަން ހަމަ އެގޮތަށް އޮންނާނެ. ދެން އޭގެ އިތުރަށް ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތައް، ސިޓީ ހޮޓާތަކާއި ދެން މި ހުންނަ ލިވަބޯޑްތަކާއި މިފަދަ ތަންތަނުން 25 ޑޮލަރު ޑޮލަރު ބޮލަކަށް، މިފަދަ ގޮތަކަށް. އެހެންވީމާ އެ ގަވާއިދު އެގޮތަށް ތަންފީޒުވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި އެކަމާ ގުޅޭ ގާނޫނެއް ތައާރަފުކުރުމަށް މަޖިލީހަށް ބިލެއް ފޮނުވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުން އިއްޔެ ފާސްކޮށް، އެ ބިލު މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގައި ބަދަލެއް ނޯންނާނެކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް. އަދި އަޅުގަނޑު ދެންނެވިން އެއީ ގާތްގަނޑަކަށް 20 އިންސައްތައޭ އާމްދަނީގެ، އެ މަހަކަށް ޖެހޭ ޖުމުލަ ރެވެނިއުުގެ 20 ޕަސަންޓް ގާތްގަނޑަކަށް. އެހެންވީމާ ރިސޯޓުތަކުގެ ބޭފުޅުންނާ ކުރެވުނު މަޝްވަރާގެ އަލީގައާ ވެސް އެކީގައި 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ނުވަތަ 20 ޕަސަންޓު، ޕަސަންޓޭޖެއް ވެސް އަޅުގަނޑުމެން މި ދިނީ. ޖުމުލަ އާމްދަނީގެ 20 ޕަސަންޓު ނުވަތަ 500 ޑޮލަރު މާރުކުރަން ޖެހޭނެއޭ. އެއީ ގާނޫނުން މަޖުބޫރު މި ކުރަނީ. އެހެންވީމާ އަޅުގަނޑު ދެންނެވިގޮތަށް އިރާދަކުރެއްވިއްޔާ އެއްވެސް ބަދަލެއް ނުގެނެސް، އެކަން އެ އޮތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު