ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ކުށްވެރިޔާ ބަންދުން ދޫކޮށްލެވޭގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި މި ބިލުގައި، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 201 ވަނަ މާއްދާގެ ފަހަތަށް ވަނީ މާއްދާއެއް އިތުރުކޮށްފައެވެ.

އެ މާއްދާގައިވާ ގޮތުން، ދަށު ކޯޓަކުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބުތުވާ ކަމަށް ހުކުމްކުރި ނަމަވެސް، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އިސްއުނާފު މަރުހަލާގައި އެ މައްސަލަ އޮތް ކޯޓަކަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

އެއީ އޭނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލުގައި ބަންދުކުރުމުގެ އަދަބެއް ދަށު ކޯޓުން އޭނާގެ މައްޗަށް ކަނޑައެޅޭ ހާލަތުގަ އާއި، އެ ހުކުމް ނުވަތަ އެ ކުށަަށް ކަނޑައަޅާފައިވާ އަދަބު މަތީ ކޯޓުގައި އޭނާ އިސްތިއުނާފުކޮށްފައިވާ ހާލަތުގައެވެ.

ނަމަވެސް އިސްތިއުނާފު މަރުހަލާގައި ވެސް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްގެން ނުވާނެ ކުށްތަކެއްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ގަސްތުގައި މީހަކު މެރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި، ހަތިޔާރަކުން މީހަކަަށް ހަމަލާދީ، އެމީހަކަށް ނުރައްކާތެރި ހާނިކައެއްކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލަތަކާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުން، ޓެރަރިޒަމް އަދި ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ އިތުރުން ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލެއް ހިންގި ކަމެއް ތުހުމަތު ކުރެވޭ މައްސަލަތަކާއި، ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

ކުށް ސާބިތުވެފައިވާ މީހަކު އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ހައްގު ހޯދުމަށް އެދޭ އިރު، އޭނާ ކޯޓަށް ސާބިތުކޮށްދޭން ޖެހޭ ކަންކަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި، އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ އިސްތިއުނާފެއްކަމާއި، ކަފާލާތުގެ ދަށުން ދޫކުރާ އިރު، ކަނޑައެޅޭ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރާނެކަމާއި، އިތުރަށް ބަންދުގައި ބަހައްޓަގައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތްކަން ހިމެނެއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލާއިރު އެ ތުހުމަތު ކުރެވޭ ކުށަކީ، ޖަލު އަދަބު އަންނަވަރުގެ ކުށެއް ނަމަ، އޭނާ ބަންދުން ދޫކޮށްލުމުގައި މިހާރު ވެސް ގާނޫނުގައި ބަންދަކާ މެދު ގޮތް ނިންމާއިރު ބަލަން ޖެހޭ ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މި ބިލުގައި އޭގެ ތެރެއަށް ފަސްކަމެއް ވަނީ އިތުރުކޮށްފައެވެ.