އަންނަ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފުތަރު ގެޒެޓް ކުރާނެ ކަމަށާއި އޭރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ސްކީމުތަކުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެހެން ވަޒީފާތައް އަދާކުރާ ފަރާތްތަކަށް ލިބޭ ސްކީމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުން ކަމަށެވެ.
މަސްވެރިންނަށް ލިބޭ އާމްދަނީއަކީ ވަޒީފާއަކުން ލިބޭ އާމްދަނީއެއްގެ ގޮތުގައި ކަނޑައަޅައިގެން ފައިދާއެއް ހޯދުމުގެ ފުރުސަތުވެސް މިހާރު ނޯންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ވައުދުވީ ދަފުތަރެއް ގާއިމުކޮށް އެއީ ގާނޫނީ ބާރު އޮންނަ ދަފުތަރަކަށް ހަދައި އޭގައި ރަޖިސްޓްރީވާ މަސްވެރިންނަސް ބޭންކުތަކުން ލޯނު ނެގުމުގެ ފުރުސަތު ދިނުމަށް. އެ މަސައްކަތް އަހަރުގެ ކުރީކޮޅުގައި ފަށާއި ވަރަށް ގިނަ ގިނަ މަސްވެރިން ބައިވެރިވެފައިވަނީ. އަދިވެސް ވަނީ ހުޅުވާލާފައި އެހެންވީމަ ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ހަފުތާގެ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފުތަރު ގެޒެޓް ކުރާނެއެވެ. އެ ދުވަހު މަސްވެރިންގެ ދަފުތަރާ ގުޅޭ ގަވާއިދުވެސް ނެރޭނެ ކަމަށާއި އެއާއެކު ބީއެމްއެލްއާއި އެމްއައިބީ އަދި އެސްޓީއޯގެ ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު