އަށާވީސް މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތަކާ ގުޅިގެން އެސްޓީއޯގެ ބޯޑު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ތެލުގެ މުއާމަލާތްތައް ކުރުމަށް އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2018 އިން 2019 އާ ދެމެދު އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމެވެ.
ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވީ، އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ގަތުމާބެހޭ މުއާމަލާތްތަކުން، 28.3 މިލިއަން ރުފިޔާގެ ތެލުގެ ހިޔާނާތްތަކެއް، 2018، 2019 އަދި 2020 ގައި ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކާ ކަމަށެވެ.
އެސްޓީއޯގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މި މައްސަލައިގައި ގުޅުން ހުރި މީހުންގެ މައްޗަށް އެޅި ފިޔަވަޅުތަކަކީ ކޮބައިތޯއާއި ހިޔާނާތުގެ ފައިސާ ރިކަވާކުރަން ކޮށްފައިވާ މަސައްކަތްތަކާއި އެކަމާ ގުޅުންހުރި ފަރާތްތަކަށް ޖިނާއީ ދައުވާ ކޮށްފައިވޭތޯ އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ތެލުގެ ވައްކަމުގެ މައްސަލައަކީ އެ ކުންފުނީގެ އެންމެ މަތިން ފެށިގެން ދޯނިތަކުގެ ކެޕްޓަނުންނާއި މުވައްޒިފުންނާ ހަމައަށް މޫލާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އޮޑިޓް ކޮށްފައިވަނީ، އެސްޓީއޯ ބޯޑުގެ އޮޑިޓް ކޮމިޓީން ކަމަށާއި އެ ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތައް އޮޅުންފިލުވަން ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެ މެންބަރުން ވަނީ އެސްޓީއޯގެ ބޯޑު ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު