އއ. ތޮއްޑޫން: އަލީ އަފާފް ރަމީޒް - ވަން އޮންލައިން
ކުރިއަށް އޮތް 2025 އަދި 2026 ވަނަ އަހަރު ވެގެންދާނީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދީ، ތަރައްގީގެ މަޝްރޫއުތައް ފެށިގެން ނިމިގެންދާ މަންޒަރު ފެންނާނެ ދެ އަހަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އއ. ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ މިދިޔަ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓަކީ މި ސަރުކާރުން ހުށަހެޅި އެއްވެސް ކަމެއް ނުހިމަނައި ފާސްކޮށްފައިވާ ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓަކީ ކުރީ ސަރުކާރުން، މިސަރުކާރަށް ޖެއްސުން ކުރުމަށް ފާސްކޮށްފައިވާ ބެޖެޓެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި މިމަހުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތްތައް ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުފުޅުދުތައް ފުއްދެވުމަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށެވެ.
"2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައިހުރި ވައުދުތައް ފުއްދުމަށް ޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގާ ދެ އަހަރަށް. މި އަންނަ އަހަރު ކުރީ ކޮޅުން ޖެނުއަރީން ޑިސެމްބަރަށް އަދި 2026، މި 24 މަސް ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް އަޅުގަނޑުމެން ފަށައި އެކި މަޝްރޫއުތައް ނިމެމުންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށާއި ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ސިޔާސީ ވިސްނުން ނުގެންގުޅުއްވާނެ ކަމަށެވެ.
މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިސްކުރެއްވީ ހަމަހަމަކަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ،މަސައްކަތް ކުރައްވާނީ އެމަގުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު