ވިނަރެސް މަޝްރޫއިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ކާރު ޕާކުކުރާނެ ޖާގަ ދޫކުރުމަށް ނިންމައި، އެކަމަށް ހުޅުވާލި މުއްދަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްފިއެވެ.
އެޗްޑީސީން ރޭ ބުނީ އެ މުއްދަތު އިތުރުކުރީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
ވިނަރެސް މަޝްރޫއިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ކާރު ޕާކުކުރާނެ ޖާގަ ދޫކުރުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 26 އިން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިފަހުން އެޗްޑީސީން ރޭ ވަނީ އަނެއްކާވެސް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ވިނަރެސް ފުލެޓު ގަނެފައިވާ ފަރާތްތަކަށް ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ މޮޑެލެއްގެ ދަށުންނެވެ. އެއީ އެ އިމާރާތުގެ ތެރެއިން ކާރު ރަޖިސްޓަރީކުރުމުގެ ހުއްދައާ އެކު ޖުމުލަ 76 ޖާގައަކާއި އިމާރާތުގެ ބޭރުން ހަމައެކަނި ޕާކުކުރުމުގެ ބޭނުމަށް ޖުމުލަ 78 ޕާކިން ޖާގައެވެ.
ވިނަރެސް ޓަވަރުތަކުން ކާރު ޕާކުކުރާނެ ޖާގައަށް އެދި ހުށަހެޅުމަށް ވިނަރެސް މަޝްރޫއިން ފުލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓަކަށް ވާންޖެހޭނެއެވެ.
ކޮންމެ ފަރާތަކަށް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް ޕާކިން ޖާގައެވެ. އަދި ދޫކުރެވޭ ޕާކިން ޖާގައަކީ ފުލެޓު ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އިމާރާތުގެ ތެރެއިން ޕާކިން ޖާގަ ވިއްކުމަށް ބީލަން ފެށޭ އަގަކީ 650،000 ރުފިޔާއެވެ. އަދި ޕާކިން ޖާގަ ގަންނަ ފަރާތްތަކަށް އެ ޖާގައިގައި ކާރު ރަޖިސްޓަރީކުރުމުގެ ހުއްދަ އޮންނާނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތްތަކަށް ޕާކިން ޖާގައިގެ ޖުމުލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އިމާރާތުގެ ބޭރުން ވިއްކާ ޕާކިން ޖާގަތަކަށް ބީލަން ފެށޭ އަގަކީ 2000 ރުފިޔާއެވެ. އެ ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެ ޖާގަތަކަށް ސެކިއުރިޓީ ޑިޕޮސިޓަށް މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަށްވާ ތިން މަހަށްވާ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތު ދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނެފައިވަނީ އިމާރާތުގެ ބޭރުން ވިއްކާ ޕާކިން ޖާގަ ދޫކުރެވޭނީ ހަމައެކަނި ޕާކުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ޖާގަތަކުގައި ކާރު ރަޖިސްޓަރީކުރުމުގެ ހުއްދައެއް ނުދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ބީލަމުގެ އުސޫލުން ކާރު ޕާކިން ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް، https://bids.hdc.mv މެދުވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު