ރާއްޖެފަދަ މޫސުމާ ބަދަލުތަކުގެ ނުރައްކާ ބޮޑު ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ ގައުމުތަކުން އެހީތެރިކަން ފޯރުކޮށް ދޭން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖެއިން ގޮވާލައިފިއެވެ.

މުސޫމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އައިސީޖޭގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އައިސީޖޭގެ އިސްތިޝާރީ ލަފައެއް ހޯދަން ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ އައިސީޖޭއަށް ހުށަހަޅާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) އިންނެވެ.

އައިސީޖޭގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެވެ. އެ އަޑުއެހުމުގައި މިއަދު ރާއްޖޭގެ ފަރާތުން ވަނީ ބަޔާނެއް ދީފައެވެ. އައިސީޖޭގައި ރާއްޖެ ތަމްސީލު ކުރައްވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އައިސީޖޭގައި ބަޔާން ދެއްވަމުން އުޝާމް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތު ކުރައްވައި، މޫސުމީ ބަދަލުތަކުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި ގޮވާލައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖެ ތަމުސީލު ކުރެއްވި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުންވެސް ވަނީ ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެފަދަ ގައުމުތަކަށް އެހީވުމަށް ގޮވާލައިފައެވެ.

"ބައިނަލްއަގުވާމީ ގާނުނުތަކުގެ ދަށުން ދިވެހިރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއުޅުއްވާލައްވައި، ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްސީލުކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިޔަތެއްކަން ފާހަގަކުރައްވައިފައިވެއެވެ" އޭޖީ އޮފީހުން ބުންޏެވެ.

އުޝާމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގައާއި ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖޭ ނާޒުކު ކަމަށާއި އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަން ޖެހުމަކީ ދިވެހި ސަރުކާރުން ދެކޮޅު ހަދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.