އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންތަކަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު އިރުއޮއްސުނު ގަޑީގައި އާޓިފިޝަލް ބީޗްގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، މާރާމާރީ ހިންގާފައިވަނީ އެ ތަނަށް ގޮސް އުޅުނު އިންޑިއާ ބައެއްގެ މެދުގައެވެ. އެ މާރާމާރީގެ ތެރެއިން އެ ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަކުއްޖެއްގެ ގައިގައި ޖެހުމުން އެ ކުއްޖާ ބެލެނިވެރިޔާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް އެތަނަށް ފުލުހުން އައުމުގެ ކުރިން މާރާމާރީ ހިންގި މީހުން ވަނީ އެތަނުން ގޮސްފައެވެ.

ޝަމްއާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މާރާމާރީގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިއަދުގެ އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކު ފޯހުން މިހާރު ބަލަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން" ޝަމްއާން ވިދާޅުވިއެވެ.