ފްރާންސްގެ އިދިކޮޅު ޕާޓީތަކުން ވަނީ ޕާލަމެންޓުގައި ބޮޑުވަޒީރު މިޝެލް ބަރްނިއޭގެ ސަރުކާރަށް އިތުބާރުނެތް ކަމަށް ފާސްކޮށް މިހަފުތާގައި ސަރުކާރު ވައްޓާލައިފައެވެ. މައްސަލަ ބޮޑުވެ ގަޔަށް އަތްލައި ސަރުކާރު ވައްޓައިލާ ހިސާބަށް ދިޔައީ ޕާލަމެންޓުގެ ރުހުމާނުލައި އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ޚާއްސަ ބަޖެޓެއްގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު ބަރްނިއޭ ނިންމެވުމުންނެވެ. ކޮންމެއަކަސް ފްރާންސް މިހާރު އެއޮތީ ސިޔާސީގޮތުން ވަރަށް ހަލަބޮލިވެފައެވެ. މިއީ ހަމައެކަނި ފަރަންސޭސި ރައްޔިތުންނަށް އޮތް ގޮންޖެހުމެއް ނޫނެވެ. މިއީ މުޅި ޔޫރަޕުގެ އިއްތިހާދަށްވެސް އޮތް ގޮންޖެހުމެކެވެ. ފްރާންސާއި ޖަރުމަނީއަކީ ޔޫރަޕުގެ އިއްތިހާދުގެ އިންޖީނެވެ. އެ އިންޖީނު ހުއްޓުމަކީ ޔޫރަޕަށް ބޮޑު ބިރެކެވެ. ދާޚިލީ މައްސަލަތަކެއްގެ ތެރޭގައި އެނބުރެން ޖެހިފައި މިވަގުތު އޮތީ ފްރާންސް އެކަންޏެއް ނޫނެވެ. ޖަރުމަނީގެ ވެރިކަންކުރާ ކޯލިޝަންވެސް ރޫޅުމުގެ ނަތީޖާއެއްގެ ގޮތުން އެގައުމުގައިވެސް އަންނަ އަހަރުގެ ފެބްރުއަރީ މަހު އައު އިންތިޚާބެއް ބާއްވާނެއެވެ.
އެހެންވީމާ ފްރާންސާއި ޖަރުމަނީގެ މިކަންކަމަކީ މުޅި ޔޫރަޕަށް އޮތް ބިރެކެވެ. އެމެރިކާގެ ރިޔާސަތާ ޑޮނަލްޑް ޓްރަމްޕު ޖެނުއަރީ ވިހިވަނަ ދުވަހު ހަވާލުވެވަޑައިގަންނަވާއިރު ޔޫރަޕުގެ އިއްތިހާދުގެ ޒައާމަތު މިގޮތަށް ބަލިކަށިވެގެން ފަރުޖެއްސޭކަށްވެސް ނެތެވެ. ޚާއްސަކޮށް ރަޝިޔާ ދެކެ ބިރުގަންނާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕުގެ ސިޔާސަތާމެދު އުފެދޭ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. ޔޫރަޕުގެ އިއްތިހާދު ބަލިކަށިވުމުގެ ނަތީޖާއަކަށް ވާނީ ޔުކްރޭނުގެ މައްސަލައިގައި އެކައްޗެއް ކިޔައިގެން އެއްގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ހަނިވުމެވެ. ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން ރުމޭނިޔާ، ހަންގޭރީ އަދި ސްލޮވާކިޔާގައި އެންމެފަހުން ބޭއްވުނު އިންތިޚާބުތަކުގައި ކުރިހޯދީ ރަޝިޔާއާ އެއްކޮޅު ފިކުރުގެ ޕާޓީތަކެވެ. މިއީ ޖަރުމަނީ އާއި ފްރާންސުން ހަގީގީ ލީޑަރޝިޕް ދައްކަންވީ ވަގުތެވެ. އެކަން ނުކުރެވި ސިޔާސީ ކޯޅުންތަކެއްގެ ތެރެއަށް އެ ދެގައުމު ގެނބިގެން ދިޔުމަކީ ހުރިހައި ގޮތަކުންވެސް ޔޫރަޕުގެ އިއްތިހާދަށް ބޮޑު ދެރައެކެވެ.
މިކަމުން އަރައިގަނެވޭނޭ މަގަކީ ކޮބައި ހެއްޔެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯނަށް އައު ބޮޑުވަޒީރަކު އައްޔަން ކުރެއްވިދާނެއެވެ. ކުރައްވާނެއެވެ. އައު ބޮޑުވަޒީރަކު އައްޔަން ކުރައްވަންވެސް ޖެހިވަޑައިގަންނަވާނެއެވެ. އެކަމަކު މިހާރު ފެންނަގޮތުން އައު ބޮޑުވަޒީރަކު އައްޔަން ކުރެެއްވުމަކީ މައްސަލައަށް ހައްލު ގެނެވޭނެ ކަމަކަށް ނުވާނެއެވެ. ފަރަންސޭސި ޕާލަމަންޓުގައި އޮތީ ބޮޑު ތިން ބްލޮކެކެވެ. ތިން ގްރޫޕެކެވެ. މިއީ އެއްބަޔަކު އަނެއް ބަޔަކާ ގުޅެން ރުހޭ ގްރޫޕްތަކެއް ނޫނެވެ. ހަމަކޮންމެ ކަމެއްގައިވެސް އޮތީ ދެކޮޅުހެދުމާއި ގަދަފައި ވިއްދުމެވެ. މިކަން ހައްލުވާނީ އައު އާއްމު އިންތިޚާބެއް ބާއްވައިގެންނެވެ. ސުވާލަކީ މިވަގުތު އެއީ ކުރެވިދާނެ ކަމެއްތޯއެވެ. ފްރާންސަކީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާ ޚާއްސަ ނިޒާމެކެވެ. ސަރުކާރު ހިންގުން ބޮޑުވަޒީރަށް އޮތަސް ގައުމުގެ އެންމެ ބާރުގަދަ ލީޑަރަކީ ރައީސެވެ. ފަރަންސޭސި ޕާލަމެންޓް ހަލަބޮލި ތަނަކަށް ބަދަލުވީ މިއަހަރުގެ މެދުތެރޭގައި ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ ނުކުތްގޮތުންނެވެ.
މިއަހަރު ބޭއްވުނު އިންތިޚާބަކީ ޕާލަމެންޓުގެ ދައުރު ހަމަވެގެން ބޭއްވި އިންތިޚާބެއް ނޫނެވެ. ރައްޔިތުންގެ ފަރާތުން އިތުރު ބާރާއި ރުހުން ހޯއްދެވުމަށްޓަކައި ދައުރުގެ މެދުތެރެއިން ރައީސް މެކްރޯން ބޭއްވެވި އިންތިޚާބެކެވެ. ނަތީޖާ ނުކުތީ އޭނާ ހީކުރެެއްވި ގޮތަކަށް ނޫނެވެ. އޭނާގެ ކޯލިޝަން ބޮޑު ތަނުން ބަލިވީއެވެ. އެއްވެސް ބަޔަކަށް އަޣުލަބިއްޔަތެެއް ނުލިބި ބައިބައިވެފައިވާ ޕާލަމެންޓެއް ވުޖޫދުވީއެވެ. އަވަސްގޮތަކުން މިކަމުން އަރައިގަނެވޭނެ ގޮތެއްވެސް ނެތެވެ. ގާނޫނު ބުނާގޮތުން އާއްމު އިންތިޚާބު ބާއްވާތާ އަހަރެެއް ނުވަނީސް އައު އިންތިޚާބެއް ނުބޭއްވޭނެއެވެ. އައު އިންތިޚާބެއް ނުބާއްވައި މި މައްސަލައަށް ހައްލެއްވެސް ނުގެނެވޭނެއެވެ. އައު ބަޖެޓެއްވެސް ފާހެއް ނުކުރެވޭނެއެވެ. އެންމެ އަވަހަށްވެސް އިންތިޚާބެއް ބޭއްވޭނީ ކުރިއަށްއޮތް 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.
އެހިސާބުގައި އިންތިޚާބެއް ބޭއްވިޔަސް ޚިޔާލު ހޯދުންތަކުން އެނގެނީ އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ލިބުން ކައިރިނޫންކަމަށެވެ. މިދަނޑިވަޅުގައި ރައީސް މެކްރޯނަށްވެސް އޭނާގެ މަގާމާ ދޭތެރޭ ޔަގީންކަން ދަނީ ކުޑަވަމުންނެވެ. އޭނާގެ އިސްތިއުފާއަށް ގޮވާ ގޮވެލީގެ އަޑުވެސް ދަނީ ގަދަވަމުންނެވެ. ފްރާންސަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ ހައްލަކީ ރައީސްކަމުން މެކްރޯން އިސްތިއުފާ ދެއްވުން ކަމަށް ބުނާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އެގޮތަށް ބުނާ މީހުންގެ އުންމީދަކީ އައު ރިޔާސީ އިންތިޚާބެއް ބާއްވައި އެބަޔަކު ބޭނުންވާ ފަޅިއަށް ބާރުތައް އަނބުރައިލުމެވެ. މެކްރޯން ހުންނެވީ އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ. އޭނާގެ ދައުރު ހަމަވާނީ 2027 ގައެވެ. މެކްރޯން ވިދާޅުވަމުން ގެންދަވަނީ ރިޔާސަތަށް އޭނާ އިންތިޚާބުކުރީ ރައްޔިތުން ކަމަށާއި ވަކިވާށޭ، ފައިބާށޭ، ދުރަށްދާށޭ ބުނެ އިދިކޮޅު ޕާޓީތަކުން އަޑުއުފުލާ ކޮންމެފަހަރަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމުގައެވެ.
މެކްރޯންގެ އިސްތިއުފާއަށް އެންމެ ބޮޑަށް ބޭނުންވެފައި ހުންނެވީ އަންހެން ބޭފުޅެކެވެ. ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބޭފުޅެއް ކަމުގައިވާ މަރީ ލުޕެންއެވެ. އެކަމަނާ ހީފުޅު ކުރައްވަނީ މެކްރޯން އިސްތިއުފާ ދެއްވައިފިނަމަ ރައްޔިތުން ދެން ރިޔާސަތަށް ހޮވާނީ އެކަމަނާ ކަމުގައެވެ. މިވަގުތު އެކަމަނާގެ ކޮރަޕްޝަނުގެ މައްސަލައެއް ދަނީ ތަހުގީގު ކުރެވެމުންނެވެ. ޔޫރަޕުގެ އިއްތިހާދުގެ ފަންޑު ނާޖާއިޒުގޮތުގައި ބޭނުން ކުރެެއްވުމުގެ މައްސަލައެކެވެ. ސަރިޔަތުގައި މިކުށް ސާބިތުވެއްޖެނަމަ އިންތިޚާބުގައި ވާދަކުރެެއްވުމުގެ ދޮރު ފަސް އަހަރުގެ މުއްދަތަށް އެކަމަނާއަށް ބަންދުވާނެއެވެ. އެހެންވެއްޖެނަމަ މެކްރޯނުގެ ދައުރު ހަމަވެގެން 2027 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި އެކަމަނާއަށް ވާދައެއް ނުކުރެެއްވޭނެއެވެ. ސަރިޔަތުން އެކަމަނާގެ މައްޗަށް ހުކުމެއް އިއްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އެކަމަނާއަށް އޮތް ފުރުސަތަކީ މެކްރޯން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމެވެ. އޭރުން އެއްމަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބޭއްވަން ޖެހޭނެއެވެ. އެ އިންތިޚާބުގައި އެކަމަނާއަށް ވާދަކުރެއްވިދާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ