ކުރިއަށްއޮތީ ފަސޭހަ ދަތުރެއް ނޫން ކަމަށާއި އެމްޑީޕީގެ މަސައްކަތަކީ އަޑުނީވޭ ސަރުކާރަކަށް އަޑު އިއްވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާ"ގެ ނަމުގައި އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއަދު މަސައްކަތް ނުކޮށްފި ނަމަ، އެތަކެއް އަހަރުގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ހުދުމުހުތާރު ވެރިކަމެއް މުޅި ރާއްޖޭގައި ގާއިމުކޮށް، އަނގައިން ވެސް ނުބުނެވޭ މިންވަރަށް ކަންތައްތައް ގެންދާ މަންޒަރު ސިފަކުރެވޭ ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންނަށް އޮތީ ފަސޭހަ ދަތުރެއް ނޫން، ކުރު ދަތުރެއް ވެސް ނޫން. މިއޮތް ވެރިކަން އަނިޔާވެރިކަމަށް ބަދަލުވެގެން މިދާ ދިއުން ހުއްޓުވުމަށް ޓަކައި ތާއަބަދު އަޅުގަނޑުމެން އިހުތިޖާޖުކުރަން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އަޑު އުފުލަން. އެގޮތުން އަޅުގަނޑުމެން އެންމެހާ ދިވެހި ރައްޔިތުންގެ އަރިހުން އެދެން އަޅުގަނޑުމެން 10 ޑިސެމްބަރުގައި ކާނިވާ ސަރަހައްދުގައި މި ބާއްވާ ޖަލްސާއަށް ވަޑައިގެންދެއްވާށޭ، އަޅުގަނޑުމެންގެ މަސައްކަތަކީ އަޑުނީވޭ ސަރުކާރަކަށް އަޑު އިއްވުން،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެކި ފޯރަމްތަކުގައި އެކިއެކި ގޮތްގޮތަށް ސަރުކާރަށް ވިސްނައިދެވޭތޯ މަސައްކަތްކުރެވިއްޖެ ކަމަށާއި ނަމަވެސް އެކަމެއް ނުވި ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު މި ވެރިކަމަށް އެބައޮތް ކަމަށް ދެއްކިޔަސް، ފެންނަނީ އެ މަންޒަރު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ވޭތުވެދިޔަ 30 އަހަރު ހުރިހާ ދާއިރާއަކުން ލިބިފައި އޮތް ކުރިއެރުންތަކުން އަޅުގަނޑުމެން މަހުރޫމުގެންދާ ތަން، އަނބުރާ ފަހަތަށް ޖެހިގެންދާ ތަން. މިހާ ހިސާބަށް ކަންކަން ދާއިރުގައި، އަޅުގަނޑުމެންނަށް މަޑު ތިބެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ރައްޔިތުން ދިން ވޯޓަކުން ވެރިކަން ލިބުނީމާ، އެމްޑީޕީން އެކަމަށް އިހުތިރާމުކޮށް ވަރަށް ގިނަ ދުވަހު މަޑުކުރެވިއްޖެ ކަމަށާއި ގާނޫނުއަސާސީއާ ކުޅެ، އެތައް ބައެއްގެ ލޭ އޮހޮރުވައިގެން ހޯދި ގާނޫނުއަސާސީގެ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ފެށީމަ، ދެން އެމްޑީޕީއަށް މަޑެއް ނުކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު