ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު، ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލު ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިންޑި އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުހަލާއެއްކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދު ވެސް ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވައިފައި ކަމަށެވެ. އަދި ސަފީރު ވަނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ރައީސް މުއިއްޒު ދައްކަވާ ލީޑާޝިޕުގެ އެކުވެރިކަން ފާހަގަ ކުރައްވައި، އެއީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއްކަން ފާހަގަކުރައްވައިފައި ކަމަށެވެ.

ރައީސް، އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކުލަވާލެވުނު "އަ ވިޝަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަފީރު ވަނީ އެ ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާވެގެންދާނެކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ރާއްޖޭގައި އިގުތިސޯދީ އިސްލާހުތައް ގެނައުމަށާއި އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އިންޑިއާއިން ދެމުންދާ އެހީތެރިކަން ރައީސް އާއި ސަފީރު ފާހަގަ ކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސް އާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމި އޮންނާނެކަމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ މެދު ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.