އިންޑިޔާގެ އެންމެ އާބާދީބޮޑު ސްޓޭޓްކަމަށްވާ އުއްތަރު ޕްރަދޭޝްގައި އަނެއްކާވެސް މިސްކިތެއް ތަޅާލަން ހަރުކަށި ހިންދޫން ދިމާކުރުމާ ގުޅިގެން ވަރުގަދަ ލޭއޮހޮރުވުންތަކެއް މިހާރު ވަނީ ފެށިފައެވެ. މިފަހަރު ހުޅުފަޅައިގެންދިޔަ ސަހަރަކީ ސަމްބަލްއެވެ. މިއީ ގާތްގަޑަކަށް ތިން ލައްކައެއްހައި މީހުންގެ އާބާދީއެއް ލިބިގެންވާ ސަހަރެކެވެ. އިންޑިޔާގައި މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިގެންވަނީ ދާދި މަދު ސަހަރެއްގައެވެ. ސަމްބަލްއަކީ މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިގެންވާ ސަހަރެކެވެ. ބޮޑުތަނުންނެވެ. އެ ސަހަރުގެ އާބާދީގެ ގާތްގަޑަކަށް 78 އިންސައްތަޔަކީ މުސްލިމުންނެވެ. ހިންދޫންގެ ނިސްބަތަކީ އެންމެ 22 އިންސައްތައެވެ. އެކަމަކު ސަމްބަލްގައި އަނިޔާލިބި ނިކަމެތިވަމުންދާތީ ފެންނަނީ މުސްލިމުންނެވެ. މަރުވެފައިވަނީވެސް މުސްލިމުންނެވެ. ސަބަބު ވަރަށް ސާފެވެ، ހިންދޫންނާއެކު ތިބީ ފުލުހުންނެވެ. ހަތިޔާރާއި ވަސީލަތާއި އާރާއިބާރު ލިބިގެންވަނީ ހިންދޫންނަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ނަވާރަވަނަ ދުވަހު ސަމްބަލްގެ ކޯޓަކުން ވަނީ އެ ސަހަރުގައިވާ ޝާހީ ޖަމާ މަސްޖިދަކީ މީލާދީން 1529 ވަނަ އަހަރު ހިންދޫންގެ ހަރިހާރު ފައްޅި ތަޅާލައި އެތަނުގައި ބިނާކޮށްފައިވާ މިސްކިތެއްތޯ ބެލުމަށް އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާގެ މައްޗަށް އަމުރުކޮށްފައެވެ. އަދި މިކަން ކަށަވަރު ކުރެވެންދެން މި މިސްކިތް މިދެންނެވި އިދާރާގެ ފުރިހަމަ ބެލުމުގެ ދަށުގައި ބެހެއްޓުމަށްވެސް އަމުރުކޮށްފައިވެއެވެ. މިއަމުރު ނެރުނު ދުވަހު އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާގެ ޓީމަކުން ވަނީ މިސްކިތަށް ވަދެފައެވެ. އެމީހުން ބެލި ބެލުންތަކުން ހަރިހާރު ފައްޅީގެ އެއްވެސް އަސަރެއް ނުފެނުނެވެ. އަދިވެސް ބަލާށޭ، ކޮނެގެންވެސް ބަލާށޭ ބުނެ ހިންދޫ ޖަމާއަތްތަކުން ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން އެއިދާރާގެ ޓީމެއް ދެވަނަ ފަހަރަށް މިސްކިތަށް ވަނީ ވަދެފައެވެ. މިފަހަރު އެޓީމާއެކު ހަރުކަށި ހިންދޫންގެ ޖަމާއަތެއްގެ ބަޔަކުވެސް ދިޔައެވެ.

މިދެންނެވި ހިންދޫން ވަނީ ހިންދޫތަވާގެ އެކި ޝިއާރުތަކާއި ތަކެތި މިސްކިތުގެ ހަރިންމަތެރެއަށް ވައްދައި މުސްލިމުންނާ ދެކޮޅަށް އަޑުވެސް އުފުލައިފައެވެ. ކުރިންވެސް ދެންނެވިފަދައިން ސަމްބަލްއަކީ މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަހަރަކަށްވެފައި މި މިސްކިތަކީ މުޅި ސްޓޭޓްގައިވާ މުސްލިމުންގެ އެންމެ މުހިންމު ތިން މިސްކިތުގެ ތެރެއިން މިސްކިތަކަށްވާތީ މިކަން ހިނގަމުން މިދަނީ ކިހިނަކުންތޯ ބެލުމަށް މުސްލިމުން އިސާހިތަކު ޖަމާވެއްޖެއެވެ. ރަށުތެރޭގައި ޚަބަރު ފެތުރިއްޖެއެވެ. މިސްކިތުގެ މެދުން ވަޅުތަކެއް ކޮނެ ހިންދޫންގެ ޓީމުން މިސްކިތަށް ގެއްލުންދީފިއެވެ. ކޮންމެއްކަސް މިސްކިތުގެ ބޭރަށް އެއްވި މީހުން ފައްސައިލުމަށް ފުލުހުން ބޭނުންކުރީ ހަތިޔާރެވެ. ބަޑިޔާއި ވަޒަނެވެ. ލޭއޮހޮރުވުމެއް ފެށުނީ އެގޮތުންނެވެ. ސަމްބަލް ސަހަރު މިހާރު ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. ވަށައިގެން ފެތުރިފައިވަނީ ބިރުވެރިކަމާއި ނާމާންކަމެވެ.

ސަމްބަލް ސަހަރަކީ މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިގެންވާ ސަހަރަކަށް ވިޔަސް އެ ސަހަރު ހިމެނިގެންވާ އުއްތަރު ޕްރަދޭޝް ސްޓޭޓާއި އެ ޑިސްޓްރިކްޓްގެ މައްޗަށްވެސް އޮތީ ހިންދޫންގެ ކޮންޓްރޯލެވެ. އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ސަރަހައްދީ ސަރުކާރަކީވެސް ބީޖޭޕީގެ ސަރުކާރެކެވެ. އެހެންވީމާ ވަސީލަތްތަކާއި ބާރުއޮތީ ހިންދޫންގެ ފަޅީގައެވެ. ސަމްބަލްގެ މިސްކިތަކީ ހިންދޫންގެ ފައްޅިއެއް ހުރި ތަނުގައި ބިނާކޮށްފައިވާ މިސްކިތެކޭ ބުނެ މި މައްސަލަ ކޯޓަށް ވައްދައިގެން އުޅެނީ ވިޝްނޫ ޝަންކަރު ޖެއިނޭ ކިޔުނު ލޯޔަރަކާއި އޭނާގެ ޓީމަކުންނެވެ. އެމީހުންގެ އަމާޒަކީ ހަމައެކަނި ސަމްބަލްގެ ޝާހީ ޖަމާ މަސްޖިދެއް ނޫނެވެ. އުއްތަރު ޕްރަދޭޝްގެ ސިޓީތަކުގެ ތެރެއިން ވަރަނާސީ، މަތޫރާ، އަދި އާގަރާގައިވާ ބައެއް މިސްކިތްތަކާ ދެކޮޅަށްވެސް މިޒާތުގެ މައްސަލަތައް ވައްދާފައިވެއެވެ. މީގެތެރެއިން އާގަރާއަކީ މަޝްހޫރު ތާޖް މަހަލް ހުންނަ ސިޓީއެވެ. ބައެއް މީހުން މިހާރު ބުނާގޮތުގައި ތާޖް މަަހަލް ބިނާކޮށްފައިވަނީވެސް ހިންދޫންގެ ފައްޅިއެއް ހުރި ތަނުގައެވެ.

އިންޑިޔާގެ މަރުކަޒީ ޕާލަމެންޓުން 1991 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގައި ކަނޑައަޅާފައިވަނީ އެއްވެސް ދީނެއްގެ ބަޔަކު އަޅުކަންކުރާ ތަންތަނުގައި މިފާޑަށް އަނެއްބަޔަކަށް އަތްނުލެވޭނެ ކަމަށާއި އަޅުކަންކުރާ ތަންތަނަކީ ހުރުމަތްތެރި ވެގެންވާ ތަންތަން ކަމުގައެވެ. މިގާނޫނެއް ފާސްކުރީ އުއްތަރު ޕްރަދޭޝްގެ އަޔޯދިޔާގައި ހުންނަ ބާބަރީ މިސްކިތް ތަޅާލަން ހިންދޫން ދިމާކުރުމުން އެކަން ހުއްޓުވުމުގެ ނިޔަތުގައެވެ. އެކަމަކު އެކަމެއް ނުހުއްޓުވުނެވެ. ހިންދޫންވަނީ 1992 ވަނަ އަހަރު ބާބަރީ މިސްކިތް ތަޅާލައިފައެވެ. އަދި އިންޑިޔާގެ އެންމެ މަތީ ކޯޓުކަމަށްވާ ސްޕްރީމް ކޯޓުން ވަނީ މިސްކިތްހުރި ބިން ރާމްގެ ފަޅިއެއް އެޅުމަށްޓަކައި ހިންދޫ ކޮމިޓީއަކަށްވެސް ދީފައެވެ. މިކަންކުރީ 2019 ވަނަ އަހަރުއެވެ. މިކަން މިމަގުންކޮށްފައި ބުންޏެވެ. މިހިސާބުން ދެން މިކަން ނިމުނީއެވެ. އެއްވެސް ބަޔަކު ދެން މިސްކިތެއްގައި އަތްލައިގެން ނުވާނެއެވެ. އިންޑިޔާގައި ކުރިން ރަސްކަންކުރެއްވި މުސްލިމް ރަސްރަސްކަލުން ކުރައްވާފައިވާ ކަންކަމުގެ ބަދަލު މިއަދުގެ މުސްލިމުންގެ ކިބައިން އަތުނުލެވޭނެއެވެ.

އުއްތަރު ޕްރަދޭޝްގެ ވަރަނާސީއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާލަމެންޓްގައި ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާއެވެ. ވަރަނާސީގެ މިސްކިތެއް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރުމަކީ މޯދީގެ ވައުދެކެވެ. މި މައްސަލަ ސްޕްރީމް ކޯޓަށް ވެއްދުމުން 2022 ވަނަ އަހަރު އިންޑިޔާގެ އުއްތަމަ ފަނޑިޔާރު ޗަންދުރަޗޫދު ވަނީ މިސްކިތުގައި އަތްލައި އެއީ ފައްޅިއެއް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދެއްވައިފައެވެ. ގާނޫނުއޮތްތާގައި ބާއްވަވައިފައެވެ. އެވަރަކުން އަދި ނުނިމެއެވެ. އުއްތަރު ޕްރަދޭޝްގެ މަތޫރާގައި ހުންނަ ޝާހީ އިދުގާ މަސްޖިދަކީ ކުރީޒަމާނުގައި ކްރިޝްނާގެ ފައްޅި ހުރިތަންކަމަށް ނިންމަވައި އެބިން އޭނާ ވަނީ ހިންދޫންގެ ކޮމިޓީއަކާ ހަވާލުކުރަންވެސް ނިންމަވައިފައެވެ. އުއްތަމަ ފަނޑިޔާރުގެ މި ނިންމެވުމަށްފަހު ދެން ހިލިގަތީ އިންޑިޔާގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ތަޅައިލުމުގެ ހުއްދަ ހޯދުމުގެ އޮއިވަރެކެވެ. މިހާރު ސަމްބަލްގައި އަލިފާން ރޯވެގެން އުޅެނީ މި އޮއިވަރުގެ ނަތީޖާއެއްގެ ގޮތުންނެވެ.