ކުންފުނިން ހަރަދު ކުރަން ޖެހޭ ހުރިހާ ފައިސާ ދައުލަތުގެ ބަޖެޓުން ދޭން ޖެހޭނަމަ ކުންފުނިތައް ހިންގުމުގެ ބޭނުމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ޒަމީރު މި ވާހަކަތައް ދެއްކެވީ ނުރުހުންވެ ހުންނަވައި، އެފަދަ ރާގެއްގައެވެ.

މެންބަރު ގަފޫރު ސުވާލު ކުރެއްވީ މިއަދަކީ މިމަހުގެ ތިންވަނަ ދުވަހަށް ވާއިރު ބައެއް ރަށްރަށުގައި ތިބި ފެނަކައިގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ މައްސަލައިގައެވެ. އޭނާ ވިދާޅުވީ މުސާރަ ނުދެވި ވަނީ ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް އެފަރާތްތަކުން ބުނާ ކަމަށެވެ.

އެ ސުވާލަކަށް ޖަވާބު ދެެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެނަކައަށް ދައުލަތުގެ މާލިއްޔަތުން ޓްރާންސްފާ ކޮށްދޭ އަދަދު ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.

ފެނަކައަކީ އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށާއި، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖިން ޑިރެކްޓަރުން ނަންގަވާ ޒިންމާތަކެއް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަމައެކަނި ދައުލަތުން ފައިސާދޭކަމަށް ވެއްޖެއްޔާ ކީއްވެގެންތޯ ކުންފުންޏެއް ހަދައިގެން އެތަންތަން ހިންގަނީ؟ އެއަށްވުރެ މާ ރަނަގަޅު ވާނެ ސަރުކާރުގެ ޑިޕާޓްމަންޓަކަަށް ހަދައިފަ މިހާރު ސިވިލްސާވިސްގަ މިދޭ ގޮތަށް ސެެލެރީ ދެވޭނެ، ކުންފުންޏެއް ހަދައިގެން އެތަނަށް ލިބޭ އާމްދަނީ އެތަނުގެ އެކައުންޓަށް ޖަމާކުރާއިރުގައި ކޮންމެ ފަހަރަކު ސަރުކާރުން އެފައިސާ ދޭން ޖެހޭ ސަބަބެއް ނެތް،"

ނަމަވެސް މިނިސްޓަރު ވިދާޅުވީ، ފެނަކައިގެ އެއްވެސް ބަޔަކަށް މުސާރަ ނުދޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.