ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ނުލިބޭތީ މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. މިހާރު އޮތް ކުޅިވަރު ގާނޫނަށް 72 އިސްލާހެއް އެ ބިލްގައި ހުށަހަޅާފައިވެއެވެ. އެއީ ބޮޑެތި ބަދަލުތަކެއް ކުޅިވަރުގެ ނިޒާމަށް ގެންނަ ގޮތަކަށެވެ.
ބިލު ދިރާސާކުރަން އިއްޔެ ބޭއްވި އިޖުތިމާއީ ކޮމިޓީ ބައްދަލުވުން މަޖިލީހުން އޯޑިއޯ ލައިވް ސްޓްރީމް ކޮށްފައިވާ އިރު، އެ ބިލުގެ ދިރާސާއަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.
އިއްޔެގެ ކޮމިޓީގައި ކޮމިޓީގެ މުގައްރިރު މާފަންނު މެދުދާއިރާގެ މެންބަރު، ޕީއެންސީގެ އަސްމާ ރަޝީދު ވިދާޅުވީ މަޖިލީހުގެ ދައުރު މިމަހު 11 ވަނަ ދުވަހު ނިމޭތީ، ބިލަކީ ވަރަށް އަވަހަށް ނިންމަން އޮތް ވަރަށް މުހިންމު ބިލެއް ކަމަށެވެ. އަދި، ކޮމިޓީން އިތުރު ގަޑީގައި މަސައްކަތްކޮށްގެން ނަމަވެސް ބިލާ ގުޅޭ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްގެން، ހުރިހާ ކަމެއް މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހޭ ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕީއެންސީގެ ނުވަ މެންބަރުންގެ އިތުރުން އެމްޑީޕީ މެންބަރަކާއި އަމިއްލަ މެންބަރެކެވެ. އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީ މެންބަރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ ބިލު ދިރާސާ ކުރައްވަން ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރައްވަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"ބިލު ދިރާސާ ކުރުމުގެ ކުރިން. ސްޓޭކް ހޯލްޑާސްއާ މަޝްވަރާކުރުމާ މެދު އަޅުގަނޑު އޮންނާނެ މެސެޖެއްވެސް ކޮށްލާފަ. އަޅުގަނޑުމެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ، ގައުމީ ސްޕޯޓްސް ކައުންސިލް އަދި ކޮމިޝަނާ އޮފް ސްޕޯޓްސްއާ ބައްދަލުކުރުމަށްފަހު އެ ބޭފުޅުންނާ ހަމައަށް ކޮންސާންތަކާއެކު ދާން ފެންނަނީ،" ކުޑޫ ވިދާޅުވިއެވެ.
އެކަމަށް ތާއީދު ކުރައްވައި ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޕީއެންސީގެ މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ ކުޑޫގެ ހުށަހެޅުމަށް އެސޯސިއޭޝަންތައްވެސް އިތުރު ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް މުސްތަފާ ވިދާޅުވީ ބިލުގެ މަސައްކަތް ނުވަ ވަނަ ދުވަހަށް ނިންމާލަން ޖެހޭ ކަމަށާއި، އެއީ މުހިއްމު ކަމެއް ކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހު މަސައްކަތް ކޮށްފައި، ހުކުރު ދުވަސް އޮފް ދުވަހެއްގެ ގޮތުގައި ނަގާފައި ނުވަ ވަނަ ދުވަހަށް މަސައްކަތް ނިންމަން މި ލިބެނީ ބަރާބަރު ފަސް ދުވަސް. އެ ދުވަސްތަކުގެ ތެރޭގައި ފުލްކޮށް މަސައްކަތްކޮށް، ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް 40 ގަނޑުގައި މިވާ އިސްލާހުތައް ރަނގަޅަށް އެމެންޑް ކުރެވޭތަނެއް ނުފެނޭ. އެއީ ކިހިނެއްވާނެ ކަމެއްތޯ ސުވާލު އުފެދޭ،" އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ކުޑޫ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖެއަކީ ޒުވާނުންގެ އާބާދީ ބޮޑު ގައުމަކަށްވާ އިރު، އެ އާބާދީއާ ގުޅުން ބޮޑު ކަމެއްގައި "މިވަރުގެ ކަމެއް، މި ނޫން ގޮތަކަށް،" ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޭގެފަހުން މުގައްރިރު އަސްމާ ވިދާޅުވީ ކުރިން ވެސް ބިލެއް އަވަސް ކުރަން ޖެހިގެން، ފާސްކުރެވުނު ބިލަކުން ކޮމިޓީގެ މެންބަރުން "ސަލާމަތް ނުވެވިގެން" އުޅޭ ކަމަށާއި، އެ ބިލުގެ ސަބަބުން އެތައް ބަޔަަކަށް ގެއްލުން ވެއްޖެ ކަމަށެވެ. އަދި އެކަމުގައި "ރޮއެ އާދޭސް ކުރިޔަސް،" ބަދަލެއް ނާންނާނެ ކަމަށާއި، މަޖިލީހުން މިހާ ބޮޑު ބިލެއް ކުޑަ ދުވަސްކޮޅަކަށް ފޮނުވާފައި އޮތުމުން އަނެއްކާ މި ޖެހެނީ އެފަދަ ކަމެއް ތަކުރާރުކުރަން ކަމަށް އަސްމާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އޭނާ ފާހަގަކުރެއްވީ މަޖިލީސް ދައުރު ނިމި، ގާނޫނީ ހުސްކަމަކަށް ދާތީވެ އަވަސް އަރުވާލައިގެން ބިލު ފާސްކުރުމުން ގައުމުގައި ތިބިހާ ޒުވާނުންނާއި ކުޅިވަރު ކުޅޭ މީހުން "ބޮލަށް އަރައިގަންނަން" ޖެހޭ ހާލަތަކަށް ދާން ބޭނުން ނުވާ ކަމަށެވެ. އަދި އެކަންކަމަށް ރަނގަޅަށް ރިއާޔަތް ނުކޮށް ނިންމަންޏާ އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށްވެސް މެންބަރު އަސްމާ ފާހަގަކުރެއްވިއެވެ.
އިއްޔެގެ ކޮމިޓީގައި އިތުރު މެންބަރުންވެސް ފާހަގަކުރެއްވީ އިޖުތިމާއީ ކޮމިޓީއަށް ވަގުތު ނެތީސް، އަނެއްކާ ބޮޑު ބިލެއް ފޮނުވަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އިތުރު ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އެ ވާހަކައިގެ ތެރެއިން މުގައްރިރު އަސްމާ ފާހަގަކުރެއްވީ ބިލު ހުށަހެޅުއްވި ފަރާތާ ވާހަކަ ދައްކަވައި "ސަލާމަތްވާނެ ގޮތެއް" އޮތްތޯ ބައްލަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ކޮމިޓީގައި ހިމެނޭ އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު، އަބްދުއްރަހުމާން ވިދާޅުވީ ގާނޫނީ ހުސްކަމަކަށް ދާތީއޭ ވިދާޅުވެ، ފަސް ދުވަސް ތެރޭގައި ބޮޑު ބިލެއް ދިރާސާ ކުރައްވަން ފޮނުވަމަކީ ނަތީޖާ ނެރެވޭނެ ގޮތެއް ނޫން ކަމަށެވެ. އެހެން އެކަން އޮތް ހާލަތަކަށް އަނެއްކާވެސް ދިއުމާއެކު "ބިލު އޮތްގޮތަށް ފާސްކުރާނަމަ،" އެކަން އެގޮތަށް ކުރައްވަން ހުށަހަޅުއްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހުމާންގެ އެ ހުށަހެޅުއްވުމަށް އިތުރު ބައެއް މެންބަރުން ތާއީދުކުރައްވާފައިވާ އިރު، އެ ވާހަކައާ ގުޅިގެން ކުޑޫ ވިދާޅުވީ "އިތުރު ގޮތެއް" ބިލު ދިރާސާ ކުރައްވަން އިތުރު ގޮތެއް ނެތް ކަމަށާއި، ރައްޔިތުން ތަމްސީލުކުރައްވަން ތިއްބަވައިގެން އެ ޕްރެޝަރުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
އެހެން ވިދާޅުވެ ކުޑޫ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އޮޔާ ގޮސްފައި އޮތް ވާހަކަ މީހުން ދައްކާ ވަގުތެއްގައި، ކުޅިވަރު ގާނޫނަށް ހުށަހެޅުނު އިސްލާހެއް "ރުންކުރު" ގޮޮތަަކަށް ގެންދަން ތާއީދު ކުރެވެން ނެތް ކަމަށެވެ.
ކުޅިވަރު ގާނޫނުގެ މައްސަލަތަކަކީ ގިނަ ދުވަސްތަކެއްވެފައިވާ މައްސަލަތަކެކެވެ. އެ ގާނޫނު އިސްލާހު ކުރުމަށް އެންމެފަހުން ނިމިދިޔަ ސަރުކާރުން ވައުދުވި ނަމަވެސް، 19 ވަނަ މަޖިލީހަށްވެސް އެކަން ކުރެވިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް