ކުރީގެ އައިފޯނުތަކުގައި ވަޓްސްއެޕް ބޭނުން ނުކުރެވޭގޮތް ހަދަން ނިންމައިފިއެވެ.

ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އައިފޯނު ގެންގުޅޭ މީހުންގެ އައިފޯނުގެ އައިއޯއެސް ސޮފްޓްވެއާގެ ވާޝަން 15.1 އަށްވުރެ ދަށް ފޯނު ތަކުގައި ވަޓްސްއެޕް ބޭނުން ކުރެވޭނެ އެންމެ ފަހުގެ މުއްދަތަކީ އަންނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިބަދަލުގެ ސަބަބުން އައިއޯއެސް 15.1 އަށްވުން ދަށަށް ސޮފްޓްވެއާ އަޕްޑޭޓް ކުރެވޭ ފޯނުތަކަށް ވަޓްސްއެޕް ބޭނުން ނުކުރެވޭނެއެވެ. އޭގެ ތެރޭގައި އައިފޯން 5އެސްގެ އިތުރުން އައިފޯން 6 އާއި 6 ޕްލަސްގެ ފޯނުތަކަށް ވަޓްސްއެޕް ނުލިބޭނެ އެވެ.

އެންޓްރޮއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް މިހާރު އެންޑްރޮއިޑް ވާޝަން 5.0 އަށްވުރެ ދަށް ވާޝަނެއް ބޭނުން ކުރާނަމަ މިހާރުވެސް ވަޓްސްއެޕް ބޭނުމެއް ނުކުރެވޭނެ އެވެ. މީގެ އިތުރުން އައިއޯއެސް 12 އަށްވުރެ ދަށް ވާޝަން ގެންގުޅޭ ފަރާތްތަކަށްވެސް ވަޓްސްއެޕް ބޭނުން ނުކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަޓްސްއެޕް އިން ވަނީ މިބަދަލަކީ އެ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑްތަކާއި ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ބަދަލުތަކާ ގުޅޭނެ ގޮތަށް ވަޓްސްއެޕް ބަދަލުކުރަމުން އަންނާތީ އަންނަ ބަދަލެއް ކަމަށް ބުނެފައެވެ.