ބޮލަކަށް ޖެހޭ އާމްދަނީއަށް ބަލާއިރު ރާއްޖެއަކީ ސައުތު އީސްޓް އޭޝިއާގެ އެންމެ މުއްސަނދި ގައުމު ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ އެއާޕޯޓް ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ވަރަށް ގިނަ ބުކިންސްތައް ކެންސަލް ކުރި ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި ވަރަށް ގިނަ ރިސޯޓް އޯނަރުން ބޮޑުވި ޓެކްސްގެ ބައި އަމިއްލަ ޖީބުން ދައްކަމުންދާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަގު ބޮޑުކޮށްލީމަ އަޅުގަނޑުމެންގެ މުޅި ޓެކްސްގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ ބޮޑުވެގެންދޭ 12 ވަރަކަށް މިލިއަން ޑޮލަރު. ކިހިނެއްތޯ އަޅުގަނޑުން މުއްޖަހާފައި އެ ނަގަނީ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ދައުލަތަށް ދައްކާ ހުރިހާ ޓެކުހެއް ވެސް ދައްކަނީ ޑޮލަރުން ކަމަށާއި އެ ހުރިހާ ފައިސާއެއް ވެސް ލިބިގެންދަނީ ދައުލަތަށް ކަމަށެވެ.
"ހަގީގަތުގައި ދިވެހި ރާއްޖޭގެ ޕޮޕިއުލޭޝަނާއި ދިވެހި ރާއްޖޭގެ ޕަ ކެޕިޓާ އިންކަމަށް ބަލާއިރުގައި، ދިވެހިރާއްޖެއަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ މުއްސަނދި ގައުމު، އެންމެ މުއްސަނދި ގައުމު. މިއާ ކައިރި ކުރެވޭ ގައުމެއް ވެސް ނެތް ޕަ ކެޕިޓާ އިންކަމަށް ބަލާއިރު،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރާއްޖެއަށް ލިބޭ ފައިސާ ވަރަށް ގިނަ ކަމަށާއި އެހެން ނަމަވެސް އެ ފައިސާއަށް ހިޔާނާތްތެރިވަމުންދާ ކަމަށެވެ. މިހާރު ދިމާވެފައިވާ އެކޮނޮމިކް ކްރައިސިސްއަކީ ސަރުކާރުތަކުން އެ ފައިސާ ނުހައްގު ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.އެކަމުގެ ހައްލަކީ ކޮންމެ ސަރުކާރެއް އޮތަސް، ވައްކަން ކުރުން ހުއްޓުވުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު