އަދަބުތައް އިތުރަށް ހަރުކަށިކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހަޅުއްވަން ހަމަޖެހިފައިވާ މި ބިލްގެ ފުރަތަމަ ކިޔުން ރައްިޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. މި ބިލްގައި އަދަބުތައް ހަރުކަށި ކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް އިތުރު ބާރުތައް ވެސް ވަނީ ދީފައެވެ.

ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބިލްގައި ބުނެފައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރު ދިނުމާއި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

މި ބިލުން ހާސިލުކުރަން ބޭނުންވާ ހަތް ކަމެއް ބިލްގައި ވަނީ ފާހަގަކޮށްފައެވެ.

  • ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
  • މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
  • މަސްތުވާތަކެއްޗަށް ދެވި ހިފާފައިވަ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާކުރުން.
  • ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން.
  • މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
  • ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުން.
  • އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން

މި ބިލްގައި 10 އަހަރާއި 20 އަހަރުދުވަހަށް ޖަލަށްލުމަށް ވަނީ ބިލްގައި އަދަބުތައް ހިމަނައިފައެވެ. އޭގެ އިތުރުން 10،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށްވެސް ވަނީ ބިލްގައި ހިމަނައިފައެވެ.