ސިއްހީ ހާލަތު ތަން ނުދޭތީ، ޑރ. ޢާއިޝަތު ރަމީލާ މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އެ މަނިކުފާނު ވިދާޅުވީ ޑރ. ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެކަން އެ މަނިކުފާނު ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުން ވެސް މިނިސްޓަރުގެ ހައިސިއްޔަތުން، ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބަ އާއި ފާގަތިކަން ހޯދައިދެނިވިމަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ތެދުވެރިކަމާއި ވިސްނުންތެރިކަމާ އެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޓަކައި ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި އަދި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބިވަޑައިގަންނަވާނެކަން ޔަގީންކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، "މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ"އަށް މިނިސްޓަރު ރަމީލާ ފަރުވާ ހޯއްދަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް ރަމީލާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކެންސަރަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރަށް ފުރަތަމަ ފުރައިވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ އަލުން އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.

ކެންސަރު ޖެހިވަޑައިގެންފައިވާކަން މިނިސްޓަރު އެންމެ ފުރަތަމަ އާންމު ކުރެއްވީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީގެ ކުރިން މިނިސްޓަރު ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހެލްތު އެންޑް އެންޑް ފެމެލީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.