ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަތް ކަމަށްބުނެ ގދ. ގައްދޫ ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

ގައްދޫ ކައުންސިލްގެ މެންބަރު އަލީ ޝަރީފު "ވަން" އަށް މިއަދު ވިދާޅުވީ ކައުންސިލް ރައީސްގެ އެ ވާހަކަތަކަކީ އެ ރަށުގައި ޕްރީ ސުކޫލު ހަދަން ސަރުކާރުގެ ހުއްދައަށް އެދިގެން ހަ މަސްވެގެން ދިޔަ އިރުވެސް، އެކަމުގެ ހުއްދަ ދީފައިނުވާތީ ދެކެވުނު ވާހަކަތަކެއް ކަމަށެވެ. ކައުންސިލް ރައީސް، ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ދެއްކެވީ ކޮން ވާހަކައެއް ކަމެއް އަލީ ޝަރީފު ވިދާޅެއް ނުވެއެވެ.

"އެ ވާހަކަަތައް ދެކެވުނީ ރަށުގެ އެކިއެކި އިދާރާތަކުގެ އެޗްއޯޑީން ތިއްބަވާ ގްރޫޕެއްގައި. މިއީ ބަޔަކު ސިޔާސީ ފައިދާއެއް ހޯދަން ކުރި ކަމެއް. އެލްޖީއޭއިން ސިޓީ މި ފޮނުވީ އަތޮޅު ކައުންސިލަށް، ގައްދޫ ކައުންސިލުގެ ރައީސަށް ފިޔަވަޅު އެޅުމަށް އަންގައި،" އަލީ ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަނެ ދެއްކެވީ ކޮން ވާހަކަތަކެއްކަން ސާފުވެފައިނުވާ ކަމަށެވެ. ކައުންސިލްގެ ރައީސްއާ މެދު ފިޔަަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަލީ ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް އެލްޖީއޭގެ އެންގެވުމާ އެއްގޮތަށް އަތޮޅު ކައުންސިލުން ވަނީ ގައްދޫ ކައުންސިލްގެ ރައީސަށް ނަސޭހަތުގެ ސިޓީއެއް ފޮނުވައިފައި ކަމަށް އަލީ ޝަރީފު ވިދާޅުވިއެވެ.

"މިއީ އަނެއްހެން އެހާބޮޑު ކަމެއް ވެސް ނޫން. ކުޑަކުޑަ ކަމެއް،" އަލީ ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގައި ކައުންސިލް ރައީސަށް ވަކިން ފިޔަވަޅު އެޅުމުގެ ބަދަލުގައި މުޅި ކައުންސިލަށް ފިޔަވަޅު އެޅުން ވެސް އައުލާކަން ބޮޑު ކަމަށެވެ.