ބަޖެޓް ކޮމިޓީން ހިމެނި ރެކޮމެންޑޭޝަންތައް އުނިކުރުމަށްފަހު، 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު، 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓް ކޮމިޓީގައި ބަޖެޓް ދިރާސާކޮށް ނިންމައި، ކޮމިޓީން ބަޖެޓް ފާސްކުރީ ސަރުކާރުން އަމަލު ކުރަންޖެހޭ ރެކޮމެންޑޭޝަންތަކެއް ހިމަނައިގެންނެވެ.

މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވައިގެން ކޮމިޓީން ފާސްކުރި އެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ހިމެނެނީ، ޕީއެސްއައިޕީއަށް ބަޖެޓުގައި ހިމަނާފައިވާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ތަރުތީބުކުރުމާއި ބަޖެޓުން ހިންގާ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ނިންމާނެކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމެވެ.

ސަރުކާރުން ހިންގަން މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭ މަޝްރޫއުތައް އެނގޭނެ ލިސްޓެއް މާޗް މަހުގެ ކުރިން ހުށަހެޅުމަށް ވެސް ހިމަނާފައިވެއެވެ.

ފައިދާނުވާ ކުންފުނިތައް އުވާލުމަށްފަހު އެފިޝަންސީ އިތުރުކުރުމަށްޓަކައި، ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާވަލަކާއި އެކަމަށް އަޅާނެ ފިޔަވަޅުތައް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމާއި ޓާގެޓް ސަބްސިޑީއަކަށް ދިއުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ރަނގަޅު ކުރާނެ ގޮތްތަކުގެ ތާވަލެއް މަޖިލީހަށް ހުށަހެޅުމަށް ވެސް ހިމަނާފައިވެއެވެ.

ނަމަވެސް ކޮމިޓީން ހިމެނި ރެކޮމެންޑޭޝަންތައް އުނިކުރަން މަޖިލިސް ތަޅުމުގައި މިއަދު އިސްލާހު ހުށަހެޅިއެވެ. އެ އިސްލާހު ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުއެވެ. ތާއީދު ކުރެއްވީ ވިލިމާލެ މުހައްމަދު އިސްމާއީލްއެވެ.

އެ ރެކޮމެންޑޭޝަންތައް އުނިކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ރެކޮމަންޑޭޝަންތައް އުނިނުކުރަން 11 މެންބަރުން ވޯޓު ދެއްވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ. އެގޮތުން ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެ. އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" ޒަމީރު ވިދާޅުވެފައިވެއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަދި ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް 15 ބުރިއަށް ހެދުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާ އެކު އެތަންތަން ތަރައްގީ ކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.